ހަލާލް ޓޫރިޒަމްގެ ނާރެހަށް ވާން ޖެހޭނީ ރާއްޖެ: މަޓާޓޯ

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް "ސަން" އަށް ދެއްވި އިންޓަވިއުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ޓްރެންޑަކަށް ވެފައިވާ ހަލާލް ޓޫރިޒަމްގެ ނާރެހަކަށް ވާން ޖެހޭނީ ރާއްޖެ ކަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސް އަބްދުﷲ ޣިޔާސް ވިދާޅުވެއްޖެ އެވެ.

"ސަން"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޣިޔާސް ވިދާޅުވީ ހަލާލް ޓޫރިޒަމަށް ބޭނުންވާ ހުރިހާ ކަމެއް ރާއްޖޭގައި އެބަ ހުރި ކަމަށެވެ. އަދި ރާއްޖެއަކީ އިނޮވޭޝަންސްތަކަށް އޮތް ޕްލެޓްފޯމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބްރޭންޑު މޯލްޑިވްސް އާ އެކު އެންމެން ބޭނުންވަނީ މިތަނަށް އަންނަން. އަޅުގަނޑުމެން މިހާރު މިތިބީ މިހާރު އެހިސާބުގަ. ރާއްޖޭގައި މަދުން ނަމަވެސް ވެލްނެސް ޓޫރިޒަމް އެބަ އޮތް. އަދި ބައިވަރު ކަންތައް އެބައުޅޭ ޕައިޕްލައިންގަ. ގޮތަކަށް ބަލާއިރު މިހާރު ރާއްޖޭގައި ނެތް އެއްޗެއް ނެތް،" އީޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަލާލް ޓޫރިޒަމަކީ މިހާރު ދުނިޔޭގައި އަރަމުން އަންނަ ފަތުރުވެރިކަމުގެ އާ ޓްރެންޑެކެވެެ. އެ ޓްރެންޑު އިންޑޮނޭޝިއާ އާއި މެލޭޝިއާގައި ކުރިއަރަމުން އަންނަ އިރު، އެފަދަ ޓޫރިޒަމަކަށް ބޭނުންވާ ހުރިހާ ކަމެއް ރާއްޖޭގައި ހުރެފައި، ރާއްޖޭގައި އެފަދަ ޓޫރިޒަމެއް ނުހިންގެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އަޅުގަނޑަށް އަޑުއިވޭ ހަލާލް ޓޫރިޒަމާއި އިސްލާމް ޓޫރިޒަމް. އަސްލު ރާއްޖެ ވާން ޖެހެނީ އެ ފަދަ ޓޫރިޒަމުގެ ނާރެހަށް. މެލޭޝިއާ އެއް ނޫން. އިންޑޮނޭޝިއާ އެއް ނޫން. އަޅުގަނޑުމެން އަތުގަ އެބަ ހުރި ބޭނުންވާ ހުރިހާ އެއްޗެއް. އަޅުގަނޑުމެންނަށް އެމީހުން ބޭނުން އެއްޗެއް ދެވޭނެ. ޓޫރިސްޓުން ހަލާލް ފުޑް ބޭނުމިއްޔާ އެކަންވެސް ކުރެވޭނެ. އެމީހުން ބޭނުންވާ ގޮތަކަށް ބޭނުން ސާވިސްއެއް ދެވޭނެ ރާއްޖޭގަ،" ޣިޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަކީ ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމާ އެއްވަރަށް ފޭމް ވެސް ލިބިފައިވާ ގައުމެކެވެ. ނަމަވެސް މައްސަލައަކީ އެކަންކަމާ ގުޅޭ ގޮތުން އަޑު ހަރުކޮށް ވާހަކަ ނުދެކެވުމެވެ. ނުވަތަ މާކެޓު ނުކުރެވުމެވެ.

އެގޮތުން، އެ އެސޯސިއޭޝަނުން މިއަހަރު ތެރޭ ބާއްވަން ހަމަޖައްސާފައިވާ ރޯޑް ޝޯތަކުގެ ތެރޭގައި އެފަދަ ކަންކަން ޕްރޮމޯޓު ކުރުމަށް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ރޯޑް ޝޯތަކުގައި މީޑިއާ ވަރަށް ބޮޑަށް ބައިވެރި ކުރުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް