ކުޑަކުދިންގެ އަނިޔާގެ މައްސަލަތައް ޖެނުއަރީ މަހު 100 އަށް ވުރެ ގިނަ

ރަށެއްގެ މަގެއްގެ މަތީގައި ކުޑަކުއްޖަކު ހިނގާފައިދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ކުޑަކުދިންނަށް އެކިކަހަލަ އަނިޔާ ކޮށްގެން 104 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން އާއްމުކުރި ޖަނަވަރީ މަހުގެ ތެރޭގައި ހުށަހެޅި އަދި ބެލިފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖަނަވަރީ މަހު 256 މައްސަލައެއް ވަނީ ހުށަހެޅިފައެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް އަނިޔާކުރި 104 މައްސަލައެއް ހުށަހެޅުނުއިރު، މިއީ ޖަނަވަރީ މަހު ހުށަހެޅުނު ޖުމްލަ މައްސަލަތަކުގެ ތެރެއިން 40 ޕަސެންޓެވެ.

ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައި ވަނީ ޖިންސީ އަނިޔާގެ މައްސަލަތަކެވެ.

ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތައް:

  • ޖިންސީ އަނިޔާގެ މައްސަލަތައް: 34
  • ޖިސްމާނީ އަނިޔާގެ މައްސަލަތައް: 18
  • އަޅާނުލުމުގެ މައްސަލަތައް: 21
  • ނަފްސާނީ މައްސަލަތައް: 18
  • ހަންގާ ކުރުމާއެކު އެހެނިހެން މައްސަލަތައް: 3

ޖެންޑާ މިނިސްޓްރީން ބުނީ، ޖަނަވަރީ މަހުގެ ތެރޭގައި 105 ކުއްޖަކަށް އެކިކަހަލަ އަނިޔާ ކޮށްގެން ހުށަހެޅިފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ގިނައިން އަނިޔާކޮށްގެން ހުށަހެޅިފައިވަނީ ފިރިހެން ކުދިންނަށް ކަމަށެވެ.

އެގޮތުން، އެކިކަހަލަ އަނިޔާ ލިބުނު 57 ފިރިހެން ކުއްޖެއްގެ މައްސަލަ ހުށަހެޅުނުއިރު އަނިޔާ ލިބުނު 48 އަންހެން ކުއްޖެއްގެ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި ވަނީ ބަލާފައެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ޖަނަވަރީ މަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމުގެ ހަތް މައްސަލައެއް ހުށަހެޅުނު ކަމަށެވެ. އެގޮތުން ސްކޫލަށް ފޮނުވުމަށް ދެކޮޅު ހަދައިގެން ހުށަހެޅި ދެ މައްސަލައަކާއި ތައުލީމު ފޯރުކޮށްދިނުމަށް ދެކޮޅު ހެދި ދެ މައްސަލައެއް ހިމެނެއެވެ.

ދެން ހިމެނެނީ ވިހެއުމަށްފަހު ރަޖިސްޓްރީ ކުރަން ދެކޮޅު ހެދި މައްސަލައަކާއި އައިޑީ ކާޑު، ޕާސްޕޯޓް ނުވަތަ އުފަން ދުވަހުގެ ސެޓްފިކެޓް ފަދަ ކާކުކަން އަންގައިދޭ ލިޔުމެއް ނުހެދި މައްސަލައެކެވެ.

މީގެ އިތުރުން، ގާނޫނާ ގަވާއިދަށް ފުށުއަރާ ގޮތަށް އަމަލުތައް ބަހައްޓައިގެން 18 މައްސަލައެއް ޖަނަވަރީ މަހުގެ ތެރޭގައި ޖެންޑާއަށް ވަނީ ހުށަހެޅިފައެވެ.

އޭގެ ތެރޭގައި މާރާމާރީ ހިންގައިގެން ތިން މައްސަލައެއް އަދި ވައްކަން ކޮށްގެން ހަތަރު މައްސަލައެއް ހުށަހެޅިފައިވާއިރު އަލިފާން ރޯކޮށްގެން މުދަލަށް ގެންދިނުމުގެ ދެ މައްސަލައަކާއި އެހެނިހެން ނުވަ މައްސަލަ އެއް ހިމެނެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިތުރުވެފައިވާއިރު، މިއަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ރާއްޖޭގައި ވެސް ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން ކޮންމެ މަހަކު ވެސް ގިނަ މައްސަލަތަކެއް ހުށަހެޅޭ ކަމަށެވެ.

comment ކޮމެންޓް