ސްވައިން ފްލޫ ޖެހިގެން މަހަރަޝްތުރާއިން ހަފްތާއެއް ތެރޭ 14 މީހަކު މަރުވެއްޖެ

އިންޑިއާގައި ދަނީ ހަލުވިކަމާއެކު ސްވައިން ފްލޫ ފެތުރެމުން -- ފޮޓޯ: ރޮއިޓާސް

ޕޫނޭ (މާޗް 20): ސްވައިން ފްލޫ ޖެހިގެން މިދިޔަ ހަފްތާ ތެރޭ އެކަނި ވެސް އިންޑިއާގެ މަހާރަޝްތުރާ އިން 14 މީހަކު މަރުވެއްޖެ ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.

އެ 14 މީހުންނާ އެކު ސްވައިން ފްލޫ ޖެހިގެން މަހާރަޝްތުރާއިން މިމަހު މަރުވި މީހުންގެ އަދަދު 30 އަށް އަރައި، މި އަހަރު މަރުވި މީހުންގެ އަދަދު 40 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.

މީގެ އިތުރުން ސްވައިން ފްލޫ ޖެހިގެން ހާލު ސީރިއަސްވާ މީހުންގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށާއި، އެފަދަ 16 މީހަކަށް މަހާރަޝްތުރާގެ އެކި ސިޓީތަކުގައި ފަރުވާ ދެމުންދާ ކަމަށް އޮފިޝަލުން ބުނެ އެވެ. ހާލު ސީރިއަސްވި ގިނަ މީހުންނަކީ މީގެ ކުރިން ވެސް ދިފާއީ ނިޒާމު ބަލިކަށިވެފައިވާ ނުވަތަ ފަރުވާ ހޯދުން މާބޮޑަށް ލަސް ކުރި މީހުން ކަމަށް އޮފިޝަލުން ފާހަގަ ކުރި އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި މަހާރަޝްތުރާގައި ސްވައިން ފްލޫ އެންމެ ބޮޑަށް ފެތުރެމުން ދަނީ ޕޫނޭގައި އެވެ. އެގޮތުން މުޅި ސްޓޭޓުން ސްވައިން ފްލޫއަށް ޕޮޒިޓިވްވި 182 މީހުންގެ ތެރެއިން 86 މީހަކު ނިސްބަތްވަނީ ޕޫނޭއަށެވެ. އަދި އެބަލި ޖެހިގެން ޕޫނޭއިން 15 މީހަކު މަރުވެފައިވާ އިރު ސްވައިން ފްލޫ ޖެހިގެން ސީރިއަސްވި 16 މީހުންގެ ތެރެއިން 11 މީހަކަަށް ފަރުވާ ދެމުން ދަނީ ޕޫނޭގަ އެވެ. (ޓައިމްސްއޮފްއިންޑިއާ)

ގުޅޭ ޓެގު
comment ކޮމެންޓް