ހުށަނޭޅޭ މައްސަލަތަކުގައި ކޯޓަށް ބަހެއް ނުކިޔޭނެ: އެމްޑީޕީ

ކުރިމިނަލް ކޯޓް ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކޯޓުތަކަކީ ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިތުރުން އަމިއްލައަށް ބަސްބުނެ ގޮތް ކިޔަން ހުންނަ ތަނެއް ނޫން ކަމަށް އިދިކޮޅު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު ނޫސްބަޔާން ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، ކްރިމިނަލް ކޯޓުން ސިޔާސީ ފަރާތްތަކުން ނެރޭ ފަދަ ސިޔާސީ ނޫސްބަޔާން ނެރެމުންދާ ކަމަށާއި އެކަން އެ ޕާޓީން ކުށްވެރި ކުރާ ކަމަށެވެ.

އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، ކްރިމިނަލް ކޯޓުގެ ނޫސް ބަޔާނަކީ ނޫސްވެރިކަން ކުރާ ފަރާތްތަކަށް ބިރުދެއްކުމަށް ނެރެފައިވާ ނޫސްބަޔާނެއް ކަމަށެވެ. އަދި އެފަދަ ބަޔާންތަކުގެ ސަބަބުން ޖުޑީޝަރީގެ މިނިވަންކަން ގެއްލި، އިތުބާރު ގެއްލިގެންދާ ކަމެއް ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

"ނޫސްވެރިންނަށާއި ރައްޔިތުންނަށް އިންޒާރުދީ މިފަދަ ނޫސްބަޔާން ކްރިމިނަލް ކޯޓުން ނެރުމަކީ ޖުޑީޝަރީގެ މިނިވަންކަން ގެއްލި، އިތުބާރު އިތުރަށް ގެއްލިދާ ކަމެކެވެ. ކޯޓުތަކުގެ ގަދަކަމަކީ ކޯޓުތަކަށް ހުށަހެޅި ފައިސަލާ ކުރެވިފައިނުވާ ކަންކަމުގައި އަމިއްލަ ގޮތްތައް ނިންމައި އިންޒާރުގެ ނޫސްބަޔާން ނެރުމެއްނޫނެވެ. އެއާ ޚިލާފަށް ކޯޓުތަކުގެ ގަދަކަމަކީ ރައްޔިތުންގެ އިތުބާރު ހޯދުމެވެ." އެ ބަޔާނުގައިވެ އެވެ.

އިއްޔެ ކުރިމިނަލް ކޯޓުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ، ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށާއި ދައުލަތުގެ ތިން ބާރުގެ އަގުވައްޓާލައި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ބައެއް ނޫސްވެރިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެކަން ހުއްޓާލުމަށް ނޫސްވެރިންނަށް ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެކަން ކުރާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން ރާއްޖޭގައި އަމާންކަން ގާއިމްވެފައި ވަނީ ދިވެހި ދައުލަތުގެ އިސްވެރިންނާއި ރާއްޖެއަށް ހެވާއި ލާބަޔަށް އެދޭ ގިނަ ބައެއްގެ މަސައްކަތުން ކަމަށް ވެސް އެ ނޫސް ބަޔަނުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް