ފެލިވަރަށް އިތުރު 200 މުވައްޒަފުން ނަގަނީ

މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު އަދުލީ އިސްމާއިލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިފްކޯއިން ޅ. ފެލިވަރުގައި ހިންގާ މަސް ބަންދުކުރާ ކާރުޚާނާއަށް އިތުރު 200 މުވައްޒަފުން ބޭނުންވާ ކަމަށާއި، މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ތެރޭގައި އިތުރު މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯއިން ހިންގާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ވެސް 800 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއިލް "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ އެންމެ މަތީ ފެންވަރުގެ މާކެޓުތަކާއި ބްރޭންޑުތަކަށް މަސް ސަޕްލައި ކުރުމަށްޓަކައި ފެލިވަރު ވަކި މިންގަނޑުތަކަކަށް ފެތޭތޯ ބެލުމަށް ޚާއްސަ އޮޑިޓެއް މި މަހުގެ ފަހުކޮޅު ކުރިޔަށް ދާނެއެވެ.

އަދުލީ ވިދާޅުވީ ފެލިވަރަށް އިތުރު 200 އެއްހާ މުވައްޒަފުން މިހާރު ބޭނުންވާ ކަމަށާއި، އެ އޮޑިޓު ނިމުމާ އެކު މުވައްޒަފުން ނަގާނެ ކަމަށެވެ.

"މިހާރު ވެސް 200 އެއްހާ މުވައްޒަފުން އިތުރަށް އެބަ ބޭނުންވޭ ފެކްޓްރީ ފްލޯގައި މަސައްކަތް ކުރުމަށް. އޮޑިޓު ނިމުމާ އެކު އެއާ ދިމާލަށް ދާނަން. އޮޑިޓު ނިމޭނީ މި މަހުގެ ފަހުކޮޅު. ނިމޭ އިރަށް އަޅުގަނޑުމެން ހުޅުވާލާނަން،" އަދުލީ ވިދާޅުވިއެވެ.

އަދުލީ ވިދާޅުވި ގޮތުގައި ފެލިވަރަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ވަޒީފާ އަދާކުރުމަށް ދިވެހީން ނުލިބުން ކަމަށެވެ. މަސް ސާފު ކުރުމާއި އެފަދަ މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫންކަން ފާހަގަކުރައްވަމުން، އަދުލީ ވިދާޅުވީ އެ ވަޒީފާއަށް ނިސްބަތުން އެކަށީގެންވާ ވަރުގެ މުސާރައެއްވެސް ފެލިވަރުން ދެމުން ދާ ކަމަށެވެ.

އަދުލީ ވިދާޅުވީ މީގެ ކުރިން ނުލިބޭ އަދަދަކަށް، ފެލިވަރުގެ ފެކްޓްރީ ފްލޯއަށް ލިބުނު ކަމަށެވެ. އަދުލީ ވަނީ މި ވަޒީފާތަކަށް ދިވެހީން ކުރިމަތިލުމަށާއި، މަސައްކަތަށް ފަރުވާ ބެހެއްޓުމަށް އިލްތިމާސް ކުރައްވައިފައެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނަން މިކަންް ކުރެވޭތޯ. މިކަން ވާނީ އެ ހިސާބުގެ ރަށްތަކުގެ ރައްޔިތުންނަށް ވަޒީފާގެ ވަރަށް ބޮޑު ފުރުސަތަކަށް،" އަދުލީ ވިދާޅުވިއެވެ.

އަދުލީ ވިދާޅުވާ ގޮތުން، ފެލިވަރުގައި މަސް ބަންދުކުރާ ފެކްޓްރީއަކީ މިހާރު ދުނިޔޭގެ ފެންވަރުގެ ތަނެކެވެ.

"އަޅުގަނޑު ވަރަށް ފަޚުރުވެރިކަމާއެކު މި ދަންނަވަނީ، ފެލިވަރުގެ ކޭނިންގް ފެކްޓްރީއަކީ ދުނިޔޭގެ ފެންވަރުގެ، އެންމެ ރަނގަޅު ފެންވަރުގެ ކޭނެރީއެއް،"

ބޭރުގެ ބޮޑެތި މާކެޓުތަކާއި ބްރޭންޑުތަކަސް މަސް ސަޕްލައިކުރުމަށް ފެލިވަރު ތައްޔާރުވުމަށްޓަކައި މި މަހުގެ ފަހުކޮޅު ޚާއްސަ އޮޑިޓެއް ކުރިޔަށް ދާ އިރު، އޭގެ ކުރިން ކުރިިޔަށް ގެންދިޔަ ޕްރީ-އޮޑިޓުތަކުން ފެލިވަރު ވަނީ ފާސްވެފައެވެ.

comment ކޮމެންޓް