ކުއްލި ހަމަލާއަކާ ގުޅިގެން ސީރިއާގެ ވެރިރަށުގައި ހަނގުރާމަ ވަރުގަދަވެއްޖެ

ދިމިޝްގުގަގައި އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަަކަށް ސަރުކާރުން ވަނީ މިއަދު 30ށް ވުރެ ގިނަ ހަމަލާ ދީފަ -- ފޮޓޯ: އޭއެފްޕީ

ދިމިޝްގު (މާޗް 20): ސީރިއާގެ އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ފައުޖުތަކަށް ދިން ކުއްލި ހަމަލާއަކާ ގުޅިގެން އެ ގައުމުގެ ވެރިރަށުގައި ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފި އެވެ.

ސީރިއާގައި ހަރަކާތްތެރިވާ އެކްޓިވިސްޓުން ބުނި ގޮތުގައި އިދިކޮޅު ފަރާތްތަކުން ހަމަލާ ދޭން ފެށީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އަދި ބޮން ހަރުކޮށްފައިވާ ކާރުންނާއި އަމިއްލައަށް މަރުވެގެން ދިން އެހަމަލާތަކުގައި ސިއްރު ބިންގަރާސްތައް ބޭނުން ކުރި ކަމަށް ވެސް ދައުލަތުގެ މީޑިއާ އިން ބުނެ އެވެ.

ނަމަވެސް އިދިކޮޅު ފަރާތްތައް މިހާރު ފަހަތަށް ޖައްސާފައިވާ ކަމަށް ސީރިއާ ސަރުކާރުގެ ފައުޖުތަކުން ބުނެ އެވެ.

ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނި ގޮތުގައި ސަރުކާރުގެ ފައުޖުތަކުން ވަނީ އިދިކޮޅު ފަރާތްތަކަށް 30 އަށް ވުރެ ގިނަ ވައިގެ ހަމަލާތައް ދީފަ އެވެ.

ދިމިޝްގުގެ އެކި ސަރަހައްދުތައް ސަރުކާރުގެ ފައުޖުތަކާއި އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލު ކުރާ އިރު އެސިޓީގެ ބޮޑުބައި އޮތީ ސަރުކާރުގެ ފައުޖުތަކުގެ ބާރުގެ ދަށުގަ އެވެ. ނަމަވެސް އެސިޓީ އެއްކޮށް ކޮންޓްރޯލް ކުރުމަށް ދެ ފަރާތުން ހަނގުރާމަ ކުރަމުން ގެންދާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. (ބީބީސީ)

comment ކޮމެންޓް