ނިއު ޒީލޭންޑުން އެމެރިކާގެ ޑިޕްލޮމެޓެއް ބޭރުކޮށްލައިފި

ނިއު ޒީލޭންޑުގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ އެގައުމުގެ ޑިޕްލޮމެޓް ގައުމު ދޫކޮށް ގޮސްފި ކަމަށް ބުނެފަ --

ވެލިންޓަން (މާޗް 20): ނިއު ޒީލޭންޑުގެ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ސުވާލު ކުރަން ބޭނުންވާ އެމެެރިކާ ޑިޕްލޮމެޓެއްގެ ސިޔާސީ ހިމާޔަތް އުވާލަން އެމެރިކާ އިން ދެކޮޅު ހެދުމާ ގުޅިގެން އެޑިޕްލޮމެޓް ނިއު ޒީލޭންޑުން ބޭރުކޮށްލައިފި އެވެ.

ނިއު ޒީލޭންޑުގެ ފުލުހުން ބުނި ގޮތުގައި އެޑިޕްލޮމެޓާ ސުވާލު ކުރަން ބޭނުންވަނީ މިމަހުގެ 12 ވަނަ ދުވަހު ހިނގި ހާދިސާއަކާ ގުޅިގެންނެވެ. ނަމަވެސް ވިއެނާ ކޮންވެންޝަންގެ ދަށުން ހުރިހާ ޑިޕްލޮމެޓިކް މުވައްޒަފުންނަށް ދީފައިވާ ސިޔާސީ ހިމާޔަތް އުވާލަން އެމެރިކާ އެމްބަސީން ދެކޮޅު ހެދުމާ ގުޅިގެން ފުލުހުންނަށް ވަނީ އޭނާއާ ސުވާލު ކުރެވޭ ގޮތް ނުވެފަ އެވެ.

އެމައްސަލައާ ގުޅިގެން ނިއު ޒީލޭންޑުގެ ފޮރިން މިނިސްޓްރީން ވަނީ އެގައުމުގައި ތިބޭ ހުރިހާ ޑިޕްލޮމެޓުން ވެސް އެގައުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށާއި ސީރިއަސް ކުށެއްގެ ތުހުމަތު ކުރެވޭ ނަމަ ސިޔާސީ ހިމާޔަތް އުވާލަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް އެމެރިކާ ޑިޕްލޮމެޓާ ސުވާލު ކުރަން މަސައްކަތް ކުރީ ކޮން މައްސަލައަކާ ބެހޭ ގޮތުންކަން ފުލުހުން ބުނެފައި ނުވެ އެވެ.

އެޑިޕްލޮމެޓު މިހާރު ވަނީ ނިއު ޒީލޭންޑު ދޫކޮށް ގޮސްފައި ކަމަށް އެމެރިކާ އޮފިޝަލުން ބުނެ އެވެ. އަދި އޭނާ ފުރައިގެން ދިޔައިރު އޭނާގެ ނޭފަތްމަތި ފަޅައިގެން ގޮސް، ލޮލަށް ލޭ އެޅިފައިވާ ކަމަށް ނިއު ޒީލޭންޑުގެ މީޑިއާއަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. (ބީބީސީ)

comment ކޮމެންޓް