ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް 'ޕަދްމާވަތީ' ރިލީޒް ކުރާ ތާރީޚަށް ބަދަލެއް ނާންނާނެ

ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު 'ޕަދްމާވަތީ' އާ ދެކޮޅަށް މުޒާހަރާކޮށް، ސެޓު ހަލާކުކޮށް، ފިއްތުންތައް ކުރިމަތި ކުރުވި ނަމަވެސް ފިލްމު ރިލީޒް ކުރާ ތާރީޚަށް ބަދަލެއް ނާންނާނެ ކަމަށް ބަންސާލީ ޕްރޮޑަކްޝަންސް އިން ބުނެފި އެވެ.

ޕަދްމާވަތީގައި ޕަދްމާވަތީގެ ރޯލުން ފެނިގެން ދާނީ ދީޕިކާ ޕަދުކޯން އެވެ. ޕަދްމާވަތީގެ ފިރިމީހާ ރާޖާ ރަވާލް ރަތަން ސިންގްގެ ރޯލުން ފެނިގެން ދާނީ ޝާހިދު އެވެ. އަދި ރަންވީރު ސިންގ އަދާކުރާނީ އަލާއުއްދީން ޚިލްޖީގެ ރޯލެވެ.

ފިލްމު އުފެއްދުމާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނީ އެ ފިލްމުގައި ތާރީޚު އޮޅުވާލައި، ރާނީ ޕަދްމާވަތީ (ދީޕިކާ) އާއި އަލާއުއްދީން ޚިލްޖީ (ރަންވީރު) އާދެމެދު ގައިގޯޅި މަންޒަރުތަކެއް ހިމަނާފައިވާ ކަމަށް ބުނެ އެވެ.

ނަމަވެސް ބަންސާލީ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޖެއިޕޫރުގައި ހުރި ޕަދްމާވަތީގެ ސެޓަކަށް ގެއްލުންދީ، ބައެއް ސާމާނު ވަނީ ހަލާކު ކޮށްލުމުގެ އިތުރުން ޑައިރެކްޓަރު ބަންސާލީ އަށް ވެސް ވަނީ ހަމަލާ ދީފަ އެވެ. އެ ހަމަލާ އަށް ފަހު ފިލްމުގެ ޝޫޓިން ވެސް ވަނީ މެދު ކަނޑާލައިފަ އެވެ.

އަނެއްކާ ވެސް މި މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން އަލުން ފަށައިގެން ކުރިއަށް ގެންދަނިކޮށް މިދިޔަ އަންގާރަ ދުވަހު ވަނީ ކޯލާޕޫރު ޑިސްޓްރިކްޓުގައި ހުރި އެ ފިލްމުގެ ސެޓެއްގައި އަލިފާން ރޯކޮށްލައިފަ އެވެ. އެ ހާދިސާގައި ސެޓު އެކީ އަނދާ ހުލިވެފައި ވާއިރު، 50 އެކްޓަރުންގެ ކޮސްޓިއުމްތައް ވެސް ވަނީ އަނދައިފަ އެވެ.

އެއާއެކު ފިލްމުގެ ޝޫޓިން އަށް ބުރޫ އަރައި، ފިލްމު ނިންމަން އޮތް ތާރީޚަށް ފިލްމު ނުނިންމޭނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނަން ފަށައިފަ އެވެ. ނަމަވެސް ބަންސާލީ ޕްރޮޑަކްޝަންސް އިން ވަނީ ފިލްމުގެ ޝޫޓިން ހުއްޓާނުލާ ކަމަށާއި، ފިލްމު ރިލީޒް ކުރަން އޮތް ތާރީޚުގައި ރިލީޒް ކުރެވޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އެ ފިލްމު ރިލީޒް ކުރަން ކަނޑައަޅާފައިވާ ތާރީޚަކީ މި އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

comment ކޮމެންޓް