ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން

ކްލަބު މޯލްޑިވްސް ކަޕްގެ މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެއްސުން: އެއްބަސްވުމުގައި ސަންގެ ފަރާތުން ސޮއިކުރެއްވީ ސަން މީޑިއާ ގްރޫޕްގެ ޖެނެރަލް މެނޭޖަރ ސޭލްސް އެންޑް މާކެޓިން މިންހާ(ކ) އަދި މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޓްރެޜަރާ އަބްދުލް ރަޝީދު އަލީ(ވ) --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ކްލަބު މޯލްޑިވްސް ކަޕް 2017ގެ އޮންލައިން މީޑީއާ ޕާޓްނަރަކަށް 'ސަން އޮންލައިން' ހަމަޖައްސައިފިއެވެ.

ރާއްޖޭގައި މެދުކެނޑުމެއްނެތި ބާއްވަމުންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެއްސުމަށްޓަކައި މިއަދު މެންދުރުފަހު ސަން ސްޓޫޑިއޯގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ސްޕޮންސަޝިޕް އެގްރިމެޓްގައި ސޮއިކޮށްފައެވެ.

މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ސަން އޮންލައިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސަން މީޑިއާ ގްރޫޕްގެ ޖެނެރަލް މެނޭޖަރ ސޭލްސް އެންޑް މާކެޓިން މިންހާ ފާއިޒްއެވެ. އަދި ކްލަބު މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޓްރެޜަރާ އަބްދުލް ރަޝީދު އަލީއެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެއްސުން: އެއްބަސްވުމުގައި ސަންގެ ފަރާތުން ސޮއިކުރެއްވީ ސަން މީޑިއާ ގްރޫޕްގެ ޖެނެރަލް މެނޭޖަރ ސޭލްސް އެންޑް މާކެޓިން މިންހާ(ކ) އަދި މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޓްރެޜަރާ އަބްދުލް ރަޝީދު އަލީ(ވ) --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އަބްދުލްރަޝީދު އަލީ ވިދާޅުވީ، އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން ހަމަޖެހިގެން ދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މުބާރާތުގެ ކަންތައްތައް ކުރިއަށްދާ ވަރަކުން ބެލުންތެރިންނާއި ކިޔުންތެރިންނަށް މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"ސަންއަކީ މިހާރު ކުރިއަރާފައިވާ އޮންލައިނަކާއި އަދި ކުރިއަރަމުންދާ ޓީވީއެއް ހިމެނޭ މީޑިއާއަކަށް ވާތީވެ، ކްލަބު މޯލްޑިވްސްގެ ކަވަރޭޖްތައް ސަންއިން ބަލަހައްޓަމުންގެންދާތީ އެކަމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑުމެންގެ ޕާޓްނަރުންނަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ. ކުރިއަށްއޮތްތަނުގައި ވެސް މިގުޅުން ކުރިއަށްދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،

"ދެ މުބާރާތެއްގެ ވާހަކަ އަޅުގަނޑު މިދަންނަވަނީ. 18/30 ވިމެންސް ފިއެސްޓާއާއި ކްލަބު މޯލްޑިވްސް 2017އާ. އެހެންވީމާ ފުދޭވަރެއްގެ ޓީމުތަކެއް ބައިވެރިވޭ އެބަ. ގާތްގަނޑަކަށް 612 ކުޅުންތެރިން އަދަދަކަށް އެބަގާތްކުރޭ. އެހެންވީމާ ފުދޭވަރެއްގެ ބޮޑު ސްކޮޑަކާއެކު މިފަހަރުގެ މުބާރާތް ކުރިއަށް މިގެންދަނީ. ގާތްގަނޑަކަށް އެއް މަސްދުވަހުގެ މުބާރާތެއް މިއީ. އޮންލައިން ޕާޓްނަރަކަށް ސަން ހަމަޖެހިގެން ދިޔައީމަ، އޮފީހުގައި ތިއްބަވައިގެން އޮންލައިންކޮށް މައުލޫމާތު ބެލޭނެ،" އޭނާ ވިދާޅުވިއެވެ.

ސަންގެ ފަރާތުން ވާހަކަދައްކަވަމުން މިންހާ ވިދާޅުވީ، ކުޅިވަރާއި މުނިފޫހިފުލުވުން އަދި ލުއި ހަބަރުތައް ގެނެސްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށާއި މިފަދަ ބޮޑު މުބާރާތެއްގެ ހިއްސާއަކަށްވުމަށް ފުރުސަތު ލިބިގެންދިއުމަކީ ސަންއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މިކަހަލަ ބޮޑު ފިއެސްޓާއެއް ނުވަތަ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގޮތުގައި މި މައުލޫމާތު ލިބެނީ. ވިމެންސް ފުޓްސަލް ފިއެސްޓާއެއް ވެސް ކުރިއަށް އެބަދޭ. އެހެންވީމާ މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑުމެން މިހެދި އެގްރިމަންޓްގެ ސަބަބުން އަޅުގަނޑުމެންގެ ސްޕޯޓްސް ސެކްޝަނުން ހުރިހާ އަޕްޑޭޓްސްތަކެއް ގެނެސްދޭނެ. އެއީ ސްކޯޗާޓް ކަމުގައިވިޔަސް، ކުރިއަށްއޮތް މެޗުތައް ކަމުގައިވިޔަސް، މިހުރިހާ މައުލޫމާތެއްވެސް ލިބިގެންދާނެ،" މިންހާ ވިދާޅުވިއެވެ.

މިމަހުގެ 30 ވަނަ ދުވަހު ފަށާ ކްލަބު މޯލްޑިވްސް ކަޕްގެ ފިރިހެން ބައިގައި 32 ޓީމު ބައިވެރިވެފައިވާއިރު، އަންހެން ބައިގައި މިއަހަރު 12 ޓީމު ބައިވެރިވެފައިވެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ 8 ވަނަ އަހަރެވެ.

comment ކޮމެންޓް