"މީ ލޯތްބަކީ"އަށް އޮލިމްޕަސް ތައްޔާރު ކުރަން ފަށައިފި

"މީ ލޯތްބަކީ" އަށް އޮލިމްޕަސް ތައްޔާރު ކުރަނީ--- ސަން ފޮޓޯ/ މުހައްމަދު މުސްތަފާ

މި އަހަރު އޮލިމްޕަހުގައި އެޅުވި ފުރަތަމަ ފިލްމު،"މަލިކާ"ގެ ވަދާއީ ޝޯތައް ދައްކައި ނިމުމުން، އަންނަ އެފްރީލް މަހުގެ ފަސްވަނަ ދުވަހު ޑާކްރެއިން އެންޓަޓެއިންމެންޓުން އަޅުވަން ނިންމާފައިވާ ކޮމެޑީ ރޮމޭންޓިކް ފިލްމު، "މީ ލޯތްބަކީ" އަށް އޮލިމްޕަސް ތައްޔާރު ކުރަން ފަށައިފި އެވެ.

'ސަން'އާ ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ، އިއްޔެ އިން ފެށިގެން ރަސްމީ ކޮށް "މީ ލޯތްބަކީ"ގެ ޓިކެޓް ކައުންޓަރު ހުޅުވިފައި ހުންނާނެ ކަމަށާއި އިއްޔެ އިން ފެށިގެން ދެން އޮލިމްޕަސް ތައްޔާރު ކުރާނީ އެ ފިލްމު ދެއްކުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތައް ވުމަށް ކަމަށެވެ.

"އިއްޔެ އޮލިމްޕަސް އަޅުގަނޑު މެންނަށް ރަސްމީ ކޮށް ލިބުނީ. ދެން ހަމަ ތައްޔާރު ކުރާނީ މި ފިލްމު އަޅުވަން. އިއްޔެ އިން ފެށިގެން ރަސްމީކޮށް ޓިކެޓް ކައުންޓަރު ހުޅުވިފައި ހުންނާނެ،" މޮގާ ބުންޏެވެ.

މީ ލޯތްބަކީގެ ޕޯސްޓަރެއް އޮލިމްޕަހުގައި --- ސަން ފޮޓޯ/ މުހައްމަދު މުސްތަފާ

އޮލިމްޕަސް، "މީ ލޯތްބަކީ"ގެ ބޮޑެތި ޕޯސްޓަރުތަކާ އެކު ތައްޔާރު ކުރަމުންދާއިރު އެ ފިލްމުގެ ގިނަ ޝޯތަކެއް ދެއްކުމަށް ފިލްމުގެ ޓީމުން ވަނީ ހަމަޖައްސާފަ އެވެ.

މޮގާ ބުނީ، ޓިކެޓްގެ ސޭލްސްވެސް ވަރަށް ރަނގަޅު ކަމަށާއި އޮންލައިންކޮށް ޓިކެޓް ބުކް ކޮށްފައި ހުރި މީހުންގެ އަދަދަށް ބަލާނަމަ ފިލްމުގެ ހަތަރު ޝޯ މިހާރު ވެސް ފުލްވެފައިވާ ކަމަށެވެ. އަދި އޮންލައިން ކޮށް ބުކް ކޮށްފައިވާ ފަރާތްތަކުން އަވަހަށް ޓިކެޓް ނެގުމަށް ވެސް މޮގާ ބުންޏެވެ.

ފިލްމުގެ އޮފިޝަލް ޓްރެއިލާ އާއި ފިލްމުގެ ފުރަތަމަ ލަވަ ބެލުންތެރިންނަށް ދޫކޮށްލާފައިވާ އިރު ބެލުންތެރިންގެ ތަރުހީބު ބޮޑު ކަން މޮގާ ވަނީ ފާހަގަ ކޮށްފަ އެވެ.

"ވަރަށް ތަރުހީބު ބޮޑު ޓްރެއިލާ އާށާ ލަވައަށް ވެސް،" މޮގާ ބުންޏެވެ.

މީ ލޯތްބަކީގެ ޕޯސްޓަރެއް އޮލިމްޕަހުގައި --- ސަން ފޮޓޯ/ މުހައްމަދު މުސްތަފާ

އައިޝަތު ފުއާދު ތައުފީގާއި އަލީ ޝިފާއު (ޗިއްޕެ)ގެ ސްކްރީންޕްލޭއަކަށް، ޗިއްޕެ ޑައިރެކްޓް ކުރާ " މީ ލޯތްބަކީ" އިން ބޮޑު ކާސްޓެއް ފެނިގެންދާނެ އެވެ. އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ކުޅަދާނަ އެކްޓަރު މަރިޔަމް އައްޒަ އާއި ޖުމައްޔިލް ނިމާލެެވެ.

އަމިއްލަ ރާގުގެ ހަ ލަަވަ ހިމެނޭ އެ ފިލްމުން، މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ ތަރިންގެ މޮޅު ހުނަރުވެސް ފެނިގެންދާނެ އެވެ.

comment ކޮމެންޓް