އަސްލަމް އަލުން ގައުމީ ޓީމާ ގުޅިއްޖެ

ގައުމީ ޓީމުގެ ފަރިތަކުރުން ތަކުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ގައުމީ ޓީމުގެ ކީޕަރު ޓްރޭނަރަކަށް، އަނެއްކާވެސް ކުރިން އެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި ރާއްޖޭގެ އެންމެ މޮޅު އެއް ގޯލްކީޕަރު ޓްރޭނަރު އަސްލަމް އަބްދުއްރަހީމް ހަމަޖައްސައިފިއެވެ.

އޭޝިއަން ކަޕްގެ ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ނުކުންނަ ރާއްޖޭގެ ގައުމީ ޓީމުގެ ފަރިތަ ކުރުންތައް މިއަދު ފެށި އިރު އަސްލަމް ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

އަސްލަމް އަލުން ގައުމީ ޓީމާ މި ގުޅުނީ، 17 އަހަރުވަންދެން ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި ކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމުން ރިޓަޔާރކޮށް ގައުމީ ޓީމުގައި މިވަގުތު ތިބި ކީޕަރުންނަށް އިމްރާން ނެތްތައް ފޫބެއްދޭނީ ކިހާ ވަރަކަށްތޯ ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އަސްލަމް އަކީ ޒުވާން ކީޕަރުން ގަޮވައިގެން ރަނގަޅު ކާމިޔާބީ ތަކެއް ހޯދާފައިވާ ކީޕަރު ޓްރޭނަރެކެވެ.

ކުރިން ގައުމީ ޓީމުގެ ގޯލް ވެސް ބަލަހައްޓާފައިވާ އަސްލަމް އަލުން ގައުމީ ޓީމާ ރަސްމީކޮށް ގުޅިފައިވާކަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެރެޓަރީ ހުސެއިން ޖަވާޒް ވެސް ވަނީ ޔަގީންކޮށްދީފައެވެ.

އަސްލަމް ވަނީ، ގައުމީ ޓީމުގެ ކުރީގެ ކޯޗް ވެލިޒާ ޕޮޕޯވްއާއި ރިކީ ހާބަޓްއާއެކުއެކު ވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އޭނާ ވަނީ ގައުމީ ޓީމުގެ ގޯލް ކީޕަރު ޓްރޭނަރުގެ މަގާމުން އިސްތިއުފާ ދީފައެވެ. އެފަހަރު އިސްތިއުފާ ދިންކަން ހާމަކޮށް ފޭސްބުކް ގައި އޭނާ ބުނެފައިވަނީ މަގާމުން އިސްތިއުފާ ދިނީ ޓީމުގައި ގޯލް ކީޕަރު ޓްރޭނަރަކު ހުރުން މުހިއްމުކަމަށް ނުފެންނާތީ ކަމަށެވެ.

ކުރީގެ ކޯޗު ޕޮޕޯވްއާއެކު ގައުމީ ޓީމުގެ ކޯޗިން ސްޓާފުންގެ ތެރޭގައި ގޯލްކީޕަރު ޓްރޭނަރު ހަމަޖެހުނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅެވެ. އޭރު ގައުމީ ޓީމުގެ ޓްރޭނަރަކަށް ހަމަޖެއްސި ފަހުން ވެސް ކްލަބު އީގަލްސްގެ ކީޕަރު ޓްރޭނަރެއްގެ ގޮތުގައި އަސްލަމް ފެނިގެންދިޔައެވެ. އަދި ގައުމީ ޓީމުގެ ކީޕަރު ޓްރޭނަރެއްގެ ގޮތުން މިދިޔަ އަހަރު ޖެނުއަރީ މަހު އިސްތިއުފާ ދިނުމަށްފަހު ވެސް އޭނާ ފެނިގެންދިޔައީ އީގަލްސްގެ ކީޕަރު ޓްރޭނަރެއްގެ ގޮތުގައެވެ.

comment ކޮމެންޓް