"ރިސާލަތު އައްމާން"ގައި ރާއްޖެއިން ބައިވެރިވެއްޖެ

"ރިސާލަތު އައްމާން"ގައި ބައިވެރިވެވަޑައިގެންނަވާއިބްރާހީމް އަޙްމަދާއި، މޫސާ އަންވަރު ޙަސަން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އުރުދުންގައި ކުރިއަށް ގެންދާ "ރިސާލަތު އައްމާން" ގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެ ވަޑައިގަންނަމުން އެބަގެންދަވަ އެވެ.

މިއަދުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އުރުދުން ވެރިރަށް އައްމާންގައި ކުރިއަށް ގެންދާ ބައްދަލުވުމަކީ، ދީނީ ޢިލްމުވެރިން ތާޒާކުރުމަށްޓަކައި ބާއްވާ ބައްދަލުވުމެކެވެ.

"ރިސާލަތު އައްމާން" ގެ 35 ވަނަ ބައްދަލުވުން ކުރިއަށްދާއިރު، ރާއްޖެއިން އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ނައިބު ރައީސް އިބްރާހީމް އަހްމަދާއި އެ މަޖިލީހުގެ މެމްބަރު މޫސާ އަންވަރު ހަސަން އެވެ.

ސިލްސިލާކޮށް ކުރިއަށް ކުރިއަށް ގެންދާ އެ ބައްދަލުވުމަކީ، އުރުދުންގެ ރަސްގެފާނު އަބްދުﷲ ބިން ހުސައިންގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާ ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގެ މަގްސަދަކީ، އިސްލާމް ދީނަކީ މެދުމިނުގެ ދީނެއްކަން މީސްތަކުންނަށް ބަޔާންކޮށްދީ، އިސްލާމް ދީނަކީ ހައްދުފަހަނައަޅައި ދިއުމާއި ޓެރަރިޒަމާ ބީރައްޓެހި ދީނެއްކަން މީހުންނަށް ބަޔާންކޮށްދިނުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އޭގެ އިތުރުން ދީނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާމެދު ހޭލުންތެރި ކުރުވުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އެ ބައްދަލުވުމުގެ މިއަހަރުގެ ލަނޑުދަނޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ޓެރަރިޒަމާއި ކާފަރުކުރުން ހުއްޓުވުމާއި، އިސްލާމްދީނުގެ ރިވެތި އުސޫލުތައް ފެތުރުމެވެ.

ޖުމްލަ 14 ގައުމަކުން ބައިވެރިވާ އެ ބައްދަލުވުމުގައި 35 ދީނީ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ. ރާއްޖޭގެ އިތުރުން އެ ބައްދަލުވުމުގައި ބައިވެރިވަނީ، ލުބުނާން، މިސްރު، ތޫނިސް، އިރާގު، ފްރާންސް، ބަންގްލަދޭޝް، މެލޭޝިއާ، ޕާކިސްތާން، އަލްބޭނިއާ، ސޫދާން، އިޓަލީ އަދި އަލްޖަޒާއިރުގެ އިތުރުން ފަލަސްތީނެވެ.

comment ކޮމެންޓް