ގުޅޭ ޓެގު

ގދ. އަތޮޅު ކައުންސިލް އިދާރާގައި ހުޅުޖަހާފައި --- ފައިލް ފޮޓޯ
ގދ. އަތޮޅު ކައުންސިލް އިދާރާގައި ހުޅުޖަހާފައި --- ފައިލް ފޮޓޯ

ގައުމަށް ވެރިވެގަތުމަށް ފިތުނަ!

އަހުމަދު ސާއިލް އަލީ
ލިޔުނީއަހުމަދު ސާއިލް އަލީ

މުޅި މާލޭގެ ހުރިހާ ހިސާބެއްގައި އަލިފާން ރޯކުރި އެވެ. ފިހާރަތައް ވެސް ހިމެނޭގޮތަށެވެ. އެއީ މަޝްހޫރު "ބޮޑު ހުޅުގެ" ހާދިސާއެވެ. އެ ޖަރީމާގައި އިސްކޮށް ހުންނެވީ އަންހެނެއްގެ މައްސަލާގައި އޭރުގެ ރަދުންނާ ދޭތެރޭ ހިތްކުޑާވެފައި ހުރި އަދި ވެރިކަމަށް ދަހިވެތިވެފައިވާ ސުމުއްވުލް އަމީރު އިބްރާހިމް ދޮށިމޭނާ ކިލެގެފާނެވެ.

މާލޭގެ އެތައް ނިކަމެތީންގެ ގެދޮރާއި މުދާ އަންދާލައި ހުލިކޮށްލީ ވެރިކަމުގެ ދަހިވެތިކަމުގައި ސިހުރުވެރިކަން ބޭނުންކޮށްގެންނެވެ. އެކަން އެމީހުން ކުރި ސަބަބުކަމަށް ތާރީހީ ފޮތްތަކުގައި ބުނެފައި ވަނީ ތަހުތުގައި އިންނެވި މުހައްމަދު މުއީނުއްދީނުއް ޘާނީއަށް ރާއްޖޭގެ އަމަން އަމާންކަން ގާއިމް ނުކުރެވޭކަން އިގިރޭސީންނަށް އެންގުމަށެވެ.

2012 ވަނަ އަހަރު ތިނަދޫ ޕޮލިސް ސުޓޭޝަންގައި އަލިފާންޖަހާފައި--

އެއީ މީގެ 130 އަހަރު ކުރިން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގި ހާދިސާގައި ކަންކުރިގޮތެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ބަލާއިރު ހަމަ އެމަގުން ކަން ހިނގާފައިވާކަން ތާރީހު ހެކިދެ އެވެ. ވެރިކަމާ ތޮޅެން ބޭނުންވާ ކޮންމެ ފަހަރަކު ރާއްޖޭގައި ފިތުނައެއް އުފައްދަ އެވެ. ހާއްސަކޮށް ބޭރުގެ ގައުމުތަކަށް ރާއްޖޭގެ އޭރުގެ ވެރިއެއްގެ ނާގާބިލްކަން އަންގަން އެތައް މަސައްކަތެއް ކުރެ އެވެ.

ދެކުނު ބަޣާވާތަށް ނަޒަރެއް ހިންގާލާއިރު ވެސް އެކަން ސާފެވެ. އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ރައްޔިތުންގެ ތެރޭގައި ދިވެހި ދައުލަތާ މެދު އިނގިރޭސީން ފިތުނައުފެއްދި އެވެ. އެ ރައްޔިތުންނަށް ވިސްނައިދީގެން މަސައްކަތްކުރީ ވަކި ދައުލަތެއް އުފެއްދުމަށެވެ. އެއީ ޔުނައިޓަޑް ސުވައިދީބް ރިޕަބްލިކް ނުވަތަ އެކުވެރި ސުވައިދީބް ޖުމްހޫރިއްޔާ އެވެ.

އިނގިރޭސީން ރާއްޖޭގައި އުޅުނު ޒަމާނުގައި ދިވެހިންތަކަކާއެކު--

އެ ހާދިސާތަކަށް ބަލާއިރު ރާއްޖެ އަޅުވެތިކުރާން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ބޮޑު ފިތުނައެއް އުފައްދަން މަސައްކަތްކުރާކަމުގެ ސާފު ހެކި ތާރީހުން ފެންނާން އެބައޮތެވެ. ފިތުނަ އުފެއްދުމުން އެގައުމެއް ބައިބައިވެ އެވެ. ނަތީޖާއަކަށް ވަނީ "އައްޔެކޭ އަނދިރިއެކޭ ވާނީ އެއްފަދައޭ" ބުނެ ގައުމުގެ ދިފާއުގައި މަސައްކަތްކުރާނެ ބަޔަކު ނުތިބުމެވެ. ފަހުގެ ތާރީހެއްގައި ވެސް އެކަން އެގޮތަށް ކުރާން މަސައްކަތްކޮށްފައި އެބަހުއްޓެވެ.

"ރައީސް ވަހީދުގެ ވެރިކަމުގައި އެ އުފެދުނު ހަމަނުޖެހުންތަކާ އެކު ރާއްޖެއަށް މިސްރާބުޖެހި [އަވައްޓެރި ގައުމެއް]، އަޅުގަނޑުމެން ވަރަށް މަސައްކަތުން އެކަން ހުއްޓުވީ. ހަމަޖެހުން ގެންނަން ކަމަށް ބުނެ އަންނަން އުޅުނީ،" ސަލާމަތީ ބާރެއްގެ މަތީފަންތީގެ ބޭފުޅަކު ވިދާޅުވި އެވެ.

ގައުމުތަކަށް ވެރިވެގަތުމަށް ބޭނުންކުރާ އެއް ވަސީލަތަކީ އެގައުމަކަށް ހަމަޖެހުން ގެނައުމުގެ ނަމެވެ. އެމެރިކާ ސިފައިން އިރާގަށް އެރީވެސް އެގޮތަށެވެ. ގައުމުގެ ތެރެއިން ގޯސް ހައްދައިގެންނެވެ. ރައްޔިތުންނާއި ވެރިންނާ ދޭތެރެޖައްސައި ގައުމު ތެރޭގައި ފިތުނަ ފަސާދަ އުފައްދައިގެންނެވެ.

އޮގަސްޓް 5، 2016: އިދިކޮޅު އިއްތިހާދުގެ ފަރާތުން މާލޭގައި ކުރިއަށް ގެންދަންއުޅުނު ހިންގާލުމުގެ ތެރެއިން: ފުލުހުން ވަނީ ހިނގާލުމަށް ހުރަސްއަޅާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ކޮންމެ ހިތްހަމަނުޖެހުމަކާ އެކު އަމިއްލައަށް ކަންކަން ހައްލުކުރާން މަސައްކަތްނުކޮށް ބޭރުގެ ފަރާތްތަކަށް ދާހިލީ ކަންކަމާ ބެހުމަށް ފުރުސަތު ދިނުމަކީ ދިވެހީންގެ ސިޔާސީ މައިދާނުގައި މިއަދު އާންމު ކަމެކެވެ. ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް ދިވެހިން ގޮވާލަނީ އެވެ. ނަތީޖާއަކީ ގައުމަށް އަތްގަދަކުރާން ކެތްމަދުވެފައިވާ ބަޔަކަށް އެފުރުސަތުތައް ލިބުމެވެ.

ރާއްޖެއަށް އިންވެސްޓަރަކު އައިސް ބޮޑު މަޝްރޫއެއް ފަށައިފި ނަމަ ވެރިކަން ހޯދަން ދަތިވެދާނެ ކަމުގެ ބިރަށް އެކަން ހުއްޓުވުމުގެ ވިސްނުމުގައި ދިވެހިން އުޅޭ ނަމަ އެތަކުރާރުވަނީ ތާރީހެވެ. ފަހަތުގައި އެހީތެރިވާން ގައުމުތައް ތިބޭނެކަން ޔަގީނެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވުމަކީ ދިވެހިންގެ ބަޔަކު ހިންގާ ހަރަކާތްތަކެވެ. ނަތީޖާއަކީ ދިވެހި ގައުމަށް ލިބޭ އާމްދަނީ ދަށްވެ ތަރައްގީއަށް ހުރަސް އެޅުމެވެ. ނަމަވެސް އެކަން އަދި ވެސް ދިވެހީންގެ ބަޔަކު އެބަކުރެ އެވެ.

"ރާއްޖެއަށް އަދިވެސް އެބިރު އެބައޮތް. އެކިގޮތްގޮތުން އެފަދަ [ވެރިވެގަތުމަށް ފިތުނަ އުފެއްދުމަށް] މަސައްކަތްކުރޭ،" ސަލާމަތީ ބާރެއްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ނަންނަމުގައި ތިބެގެން ސުވައިދީބް ފަދަ ހިޔާލުތައް ދިވެހީންގެ ހިތްތަކަށް ދީގެން އެ މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވެ އެވެ. ބޮޑު ހަރަދުކޮށްގެން ރާއްޖޭގައި މީހުން ބައިތިއްބަނީ ސަބަބެއް އޮވެގެންނެވެ. ރާއްޖެއަށް އިންވެސްޓްމަންޓް ނައުމަކީ އެމީހުންގެ އުފަލެކެވެ.

ކޮންމެއަކަސް ތާރީޚުން އިބުރަތް ހާސިލްކުރާށެވެ. ގައުމަށް ވެރިވެގަތުމަށް އޭރު ވެސް އަދި މިއަދުވެސް ބޭނުންކުރާ އެންމެ ބޮޑު ހަތިޔާރަކީ ފިތުނައެވެ. ހިތުގައި އުފެދިފައިވާ ޖަޒުބާތަށް ވުރެ އަޅުވެތިކަމުގެ ރަހަ މާހިތިވާނެ އެވެ. އިބްރަތް ހާސިލްކުރާށެވެ.

DB released.