މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަންގެ ގާލާ އިވެންޓު ޖުލައި މަހު!

މަޓާޓޯގެ ރައީސް އަބްދުﷲ ޣިޔާޒް --- ސަން ފޮޓޯ/ފަޔާޒު މޫސާ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ދޭ ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަން އަންނަ ޖުލައި މަހު ދޭން ނިންމައިފި އެވެ.

އެ އެވޯޑު ދޭން ހަމަޖައްސާފައި ވަނީ އަންނަ ޖުލައި މަހު ދަރުބާރުގޭގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާން ހަމަޖެހިފައިވާ، ޓްރެވަލް ޓްރޭޑް ޝޯގެ ގާލާ ނައިޓުގަ އެވެ. އެ ޝޯގެ ގާލާ ނައިޓު ބާއްވަން ހަމަޖައްސާފައި ވަނީ އަދާރަން ސެލެކްޓް ހުދުރަންފުށި ރިސޯޓުގަ އެވެ. މަޓާޓޯއަކީ އެ ޝޯ ގެ އެސޯސިއޭޓް ޕާޓްނަރެވެ.

އެ އެވޯޑަށް ނޮމިނޭޓްވި ފަރާތްތައް، ޖަރުމަނު ވިލާތުގެ ބާލިންގައި ކުރިއަށް ގެންދިޔަ އައިޓީބީ ފެއާގައި ވަނީ އިއުލާންކޮށްފައެވެ. ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަނަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން، ގިނަ ދުވަހު އެ ދާއިރާއަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

ޓްރެވަލް ޓްރޭޑް ޝޯގެ ގާލާ ނައިޓް ބާއްވަން ހަމަޖައްސާފައި ވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.

މަޓާޓޯއިން ދެމުން އައި މޯލްޑިވްސް ޓްރެވަލް އެވޯޑްސް ތިން އެޑިޝަނެއް ތައާރަފްކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ގެސްޓް ހައުސް އެޑިޝަނާއި، ޕީޕަލްސް އެޑިޝަން އަދި ގްރޭންޑް ގާލާ އެވެ. އެ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ޣިޔާޒް ވިދާޅުވި ގޮތުގައި އެ ތިން އިވެންޓުވެސް އޮންނާނީ ރާއްޖޭގަ އެވެ.

އެގޮތުން ގެސްޓް ހައުސް އެޑިޝަން މިއަހަރު ސެޕްޓެމްބަރުގައި އޮންނާނެ ކަމަށާއި، ގްރޭންޑް ގާލާ އޮންނާނީ ނޮވެމްބަރު މަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އެވޯޑުތަކާ ގުޅިގެން އިންޑިއާ އާއި ލަންކާގަ އަޅުގަނޑުމެން އެބަ ބާއްވަން މޯލްޑިވިއަން ނައިޓްތަކެއް. އެއީ ރާއްޖެއިން މީހުން ގެންގޮސްގެން ނެޓްވޯކިން ނައިޓެއް ގޮތަށް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ އިވެންޓުތަކެއް،" ޣިޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް