އިއްޔެ ޓެސްޓްކުރި 25 މީހުންގެ ތެރެއިން ނުވަ މީހުން އެޗް1އެން1 އަށް ޕޮސިޓިވް ވެއްޖެ

އޭޑީކޭ ހޮސްޕިޓަލުގައި ހުޅުވި ފުލޫ ކުލިނިކުން ހިދުމަތް ދެނީ --- ފޮޓޯ/ އޭޑީކޭ

ރާއްޖޭގައި ފެތުރެމުންދާ އެޗް1އެން1 އިންފުލުއެންޒާ ރޯގާއަށް އިއްޔެ ޓެސްޓްކުރި 25 މީހުންގެ ތެރެއިން ނުވަ މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެއަދާ އެކު މިހާރު ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 123 އަށް އަރައިފަ އެވެ. އަދި ޖުމްލަ 375 މީހުން ވަނީ އެޗް1އެން1 އަށް ޓެސްޓްކޮށްފަ އެވެ.

ހުކުރު ދުވަހާ އަޅާ ބަލާއިރު އަރިދަފުސް ރޯގާޖެހިގެއް އިއްޔެ ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އަތޮޅުތަކުން ހުކުރު ދުވަހު އަރިދަފުސް ރޯގާޖެހިގެ ޑޮކްޓަރަށް ދައްކާފައި ވަނީ 835 އެވެ. އެހެންނަމަވެސް އިއްޔެ އަތޮޅުތަކުން އެކަނި ވެސް 1179 މީހުން ވަނީ ޑޮކްޓަރަށް ދައްކައިފަ އެވެ.

އަރިދަފުސް ރޯގާ ޖެހިގެން އިއްޔެ ޑޮކްޓަރަށް ދެއްކި މީހުން

  • އަތޮޅުތަކުން - 1179
  • މާލެއިން - 728

އަތޮޅުތަކަށް ބަލާއިރު އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައިވަނީ ރ. އަތޮޅާއި ލ. އަތޮޅުންނެވެ. ރ އަތޮޅުން 126 މީހުން އަރިދަފުސް ރޯގާޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ އިރު ލ. އަތޮޅުން ވަނީ 103 މީހެއް ދައްކައިފަ އެވެ.

އެޗް1އެން1 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން 11 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ހުކުރު ދުވަހަށް ވުރެ އިއްޔެ އެޗް1އން1 އަށް ޕޮސިޓިވްވި މީހުންގެ އަދަދު މިވަނީ އިތުރުވެފަ އެވެ.

އިންފުލުއެންޒާ އެޗްވަންއެންވަން އިން ރައްކާތެރި ވުމަށް މީހުން އެއްވެ އުޅޭ ތަންނަށް ނުދިއުމަށާއި ރޯގާ ޖެހިއްޖެ ނަމަ ގޭގައި މަޑުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބަލީގެ އަލާމާތްތައް

  • ހުން އައުން
  • ކަރުގައި ރިހުން
  • ބޮލުގައި ރިހުން
  • ގައިގައި ރިހުން
  • ހީކަރުވާފައި ވަރުދެރަވުން
  • ބޭރަށް ހިންގުން، ހޮޑުލުން

ސަލާމުކަން ދޭން ޖެހޭ ކަންތައްތައް

  • އަރިދަފުސް ރޯގާޖެހިއްޖެ ނަމަ ކެއްސާ، ކިބިހި، އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
  • އާއްމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން
  • ރޯގާޖެހި ކެއްސާ ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
  • ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނެހެދުން
  • ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން

ހުމާއި ރޯގާ ޖެހިއްޖެނަމަ، ގޭގައިދެވިދާނެ ފަރުވާ

  • ގިނައިން ދިޔާތަކެތި ބޭނުންކުރުން
  • އަރާމުކުރުން
  • ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
  • ހުންގަދަނަމަ ގައިގައި ފެން ހޭކުން (އާދައިގެ ތާފެނާ ފެން)
  • ޕެރެސިޓަމޯލް ފިޔަވައި ބޭހެއް ބޭނުން ނުކުރުން
  • ހުން އައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން
comment ކޮމެންޓް