ފަތުރުވެރިކަމާ ބެހޭ ޕްރޮޕޯސަލްތައް ދިރާސާކުރާ ކޮމިޓީއަށް އޮފީހަކާއި ޚާއްސަ ބާރުތަކެއް!

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު (ކ) އަދި އެ މިނިސްޓްރީގެ އެހެން ބޭފުޅަކު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި -- ސަން ފައިލް ފޮޓޯ

ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތަފްސީލު ލިޔުން ދިރާސާކުރާ ކޮމިޓީގެ މަސްއޫލިއްޔަތު ތަފްސީލުކޮށް ބަޔާންކޮށް، އަދި އެ ކޮމިޓީއަށް އިދާރީ އޮފީހެއް ގާއިމުކުރެވޭ ގޮތަށް ގަވައިދެއް އިސްލާހުކޮށްފި އެވެ.

އިސްލާހުކޮށްފައި ވަނީ ޓުއަރިޒަމް ގާނޫނުގެ ދަށުން، ހަދާފައިވާ "ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން އަދި ފަޅު ކުއްޔަށް ދޫކުރުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ގަވައިދެ"ވެ. އެ ގަވާއިދު އެކުލަވާނީ މިދިޔަ އަހަރުއެވެ.

އެ ގަވާއިދުގައިވާ ގޮތުން، ތަނެއް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތުން ހުށަހަޅާ ތަފްސީލު ލިޔުން ދިރާސާ ކުރުމަށް، ތިން މެމްބަރުންގެ ކޮމިޓީއެއް ޓުއަރިޒަމް މިނިސްޓަރު އެކުލަވާލައްވަން ޖެހެ އެވެ. އަދި އެ ކޮމިޓީގައި، ތަފްސީލު ލިޔުން ހުށަހަޅާ ފަރާތާ އާއިލީ ނުވަތަ ވިޔަފާރީގެ ގޮތުން ގުޅިފައިވާ މީހަކު ހިމެނިގެން ނުވާނެއެވެ.

މިދިޔަ ބުދަ ދުވަހު އެ ގަވައިދަށް ގެނައި އިސްލާހުގެ ދަށުން، އެ ތަފްސީލު ލިޔުން ދިރާސާކުރާ ކޮމިޓީގެ އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ސެކްރެޓޭރިއަޓެއް ނުވަތަ އިދާރީ އޮފީހެއް އައްޔަނުކުރުމުގެ އިހުތިޔާރު ޓުއަރިޒަމް މިނިސްޓްރީއަށް ލިބެއެވެ.

މީގެ އިތުރުން، އެ ގަވައިދަށް ވަނީ އާ މާއްދާއެއް އިތުރުކޮށް، އެ ކޮމިޓީގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައެވެ.

އެގޮތުން، އެ ކޮމިޓީ ހިންގާނެ ގަވައިދެއް އެކުލަވާލުމުގެ އިޚްތިޔާރާއި، ތަފްސީލު ލިޔުންތައް ވަޒަންކުރަން ޕޮއިންޓު ދިނުމަށް ބަލާނެ މިނގަނޑުތަކެއް ކަނޑައެޅުމުގެ އިޚްތިޔާރު ކޮމިޓީއަށް ދީފައިވެއެވެ. މީގެ އިތުރުން ކުރިން ހުށަހަޅާފައިވާ ލިޔުމަކާއި ފަހުގެ ލިޔުމެއް އެއްގޮތް ކަމަށް ބެލެވިއްޖެ ނަމަ، ނުވަތަ ޓްރާންސްޕޭރެންޓްކޮށް އިވެލުއޭޓުކުރުމަށް ހުރަސްއެޅޭނެ ފަދަ މައްސަލައެއް ފާހަގަވެއްޖެނަމަ އެ ހުށަހެޅުމަށް ބާތިލުކުރުމުގެ އިޚްތިޔާރު އެ ކޮމިޓީއަށް ލިބެއެވެ.

ގަވައިދުގެ އިސްލާހުގައިވާ ގޮތުން ކޮމިޓީގެ ކޯރަމަކީ މަދުވެގެން ދެ މެމްބަރުންނެވެ. އަދި ކޮމިޓީ ރިސެސްއަށް ދާނެ ދުވަސްތައް ކަނޑައެޅޭނެ ކަމަށާއި، ކޮމިޓީގެ ރިސެސްގައި އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދާނެ ކަމަށް ގަވައިދުގެ އިސްލާހުގައި ވާ އިރު، އެ ގަވައިދުގައި ބަޔާންކުރާ ހުށަހެޅުންތައް ޓުއަރިޒަމް މިނިސްޓްރީން ވެސް ބަލައިނުގަނެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް