ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 1000 ހައުސިން ޔުނިޓް އަޅަން ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ އެކު ހަދާ ޓުއަރިޒަމް އައިލެންޑް (ކ): ޓުއަރިޒަމް އައިލެންޑާއި ހުޅުމާލެއާ ގުޅުވުމަށް ދެ ބްރިޖު ހަދާނެ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޔޫތް ސިޓީގެ ގޮތުގައި ތަރައްގީ ކުރާ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ބިން ހިއްކާފައިވާ ސަރަހައްދުގައި 1000 ހައުސިން ޔުނިޓު އެޅުމަށް އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފި އެވެ.

އެ މަސައްކަތް ކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ބިޑަށް ހުޅުވާލީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. މިއީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ހައުސިން ޔުނިޓްތަކެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ޔޫތް ސިޓީއެއް ތަރައްގީ ކުރުމަށް ނިންމާފައިވާއިރު، މީގެ ކުރިން އެމަނިކުފާނު ވިދާޅުވެފައި ވަނީ ޔޫތް ސިޓީ ވެގެންދާނީ ދިވެހި ޒުވާނުންނަށް ޚާއްސަ މުނުފޫހިފިލުވުމާއި، ކުޅިވަރުގެ ކަންކަން ފުރިހަމަވެފައިވާ ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ސިޓީގެ ސަބަބުން މާލޭގެ ތޮށްޖެހުން ކުޑަވެ، މިހާރު މާލޭގައި ދިރިއުޅޭ އާބާދީގެ ޑަބަލް ހުޅުމާލޭގައި އެކޮމޮޑޭޓް ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެޗްޑީސީން ކުރި އިއުލާނުގައި ބުނީ، އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތާ ގުޅޭ މައުލޫމާތު ސާފު ކުރުމަށްފަހު ބިޑު ކަރުދާސް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

މި މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހި ކުންފުނިތަކުގެ އިތުރުން ބޭރު ކުންފުނިތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.

comment ކޮމެންޓް