މޮޅު މީހެއް ކަމަށް ދެއްކުމަށް ވުރެ ނޭނގޭ މީހަކަށް ވުން ރަނގަޅު: އާލިއާ

އާލިއާ ބަޓް --

ގައިގައި ނެތް މިންވަރުން، މާ ވިސްނޭ މޮޅު މީހަކަށް ވެގެން އުޅުމަށް ވުރެ، އެއްޗެއް ނޭނގޭ 'މޮޔަ' މީހަކަށް ވުން ރަނގަޅު ކަމަށް ހުނަރުވެރި ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.

އާލިއާ އަކީ ސޯޝަލް މީޑިއާގައި އެތައް ބައެއްގެ މަލާމާތް ރައްދުވާ ފަންނާނެކެވެ. އާލިއާ އަށް ޖޯކު ޖަހައި ޓްރޯލް ކުރަން ފެށީ 'ކޮފީ ވިތު ކަރަން'ގައި އޭނާ އަށް އިންޑިއާގެ ރައީސް އަކީ ކާކުކަން ބުނެދޭން ނޭނގުނު ހިސާބުންނެވެ.

"މޮޅު މީހަކަށް ވެގެން އުޅުމަށް ވުރެ، މޮޔަ އަކަށް ވުން ވެސް އަހަންނަށް މާ ރަނގަޅު،" އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އާލިއާ ބުންޏެވެ.

އާލިއާ ބުނީ ތިމާ އަކީ ހުރިހާ ކަމެއް އިނގޭ މޮޅު މީހެއް ކަން ދުނިޔެ އަށް ދެއްކުމަށް އެތައް ވަގުތަކާއި ހަކަތައެއް ހޭދަވާ ކަމަށެވެ. ނަމަވެސް، އެ ވަގުތާއި ހަކަތަ، މައުލޫމާތު ހޯދައި އޮޅުންފިލުވުމަށް ބޭނުން ކުރެވޭނެ ކަމަށާއި، ނޭނގުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"ހަތްދިހައިގެ އަހަރުތަކުގެ ލަވަކިޔުންތެރިން އަހަންނަށް ނޭނގުމަކީ އެއްވެސް މައްސަލަ އެއް ނޫން. އެކަމަކު ނޭނގޭ ވާހަކަ ބުނަން ނުކެރުމަކީ މައްސަލަ އެއް،" 24 އަހަރުގެ ބަތަލާ ބުންޏެވެ.

އާލިއާ ބުނީ ކޮންމެ ކަމެއް ކުރި ނަމަވެސް އެކަމަށް ޖޯކު ޖަހައި މަލާމާތް ކުރާނެ ބަޔަކު ތިބޭނެ ކަމަށެވެ. އަދި ޖޯކު ޖަހާނެ ބަޔަކު ނެތް ނަމަ އެކަމާ ދެރަވާނެ ކަމަށާއި، ޖޯކު ޖެހުމަކީ އެބަޔަކު އޭނާ އާ ދޭތެރޭ ވިސްނާކަމުގެ ހެއްކެއް ކަމަށް އާލިއާ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް