ސްރީލަންކާ އިންޝުއަރަންސުން ރާއްޖޭގައި ޚިދުމަތް ހުއްޓާލި ސަބަބު ހުށަހަޅަން އަންގައިފި

ސްރީލަންކާ އިންޝުއަރަންސް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ބަންގްސަ ޖަޔާހު --

ސްރީލަންކާ ސަރުކާރުގެ އިންޝުއަރަންސް ކުންފުނި، ސްރީލަންކާ އިންޝުއަރަންސް ކޯޕަރޭޝަނުން ރާއްޖެ އާއި ސީޝެލްސްގައި ދޭ ޚިދުމަތްތައް ހުއްޓާލައި، އޮފީސްތައް ބަންދުކުރުމަށް ނިންމި ސަބަބު ހުށަހަޅަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އަންގައިފި އެވެ.

ސްރީލަންކާ އިންޝުއަރަންސް ކޯޕަރޭޝަނުން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ، ރާއްޖެއާ ސީޝެލްސްގައި ހުރި އެ ކުންފުނީގެ އޮފީސްތައް ބަންދުކޮށް، ދެ ގައުމުގައި ޚިދުމަތް ދިނުމަށް ހުއްޓަލަން ނިންމާފައިވާކަން އިއުލާން ކޮށްފައެވެ.

ޖެނުއަރީ މަހު ސްރީލަންކާ އިންޝުއަރަންސުން ކުރި މި އިއުލާނާ ގުޅިގެން، ލަންކާ ޕާލަމެންޓުގެ ކޮމިޓީ އޮން ޕަބްލިކް އެންޓަޕްރައިސެސް ނުވަތަ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމިޓީން ވަނީ، ސީޝެލްސް އާއި ރާއްޖޭގައި ގާއިމުކޮށްފައި ހުރި ސްރީލަންކާ އިންޝުއަރަންސްގެ ގޮފިތައް ބަންދުކުރަން ނިންމި ސަބަބު ބަޔާންކޮށް، ތަފްސީލު ރިޕޯޓެއް ހުށަހަޅަން އަންގައިފައެވެ.

އެ ކޮމިޓީން ސްރީލަންކާ އިންޝުއަރަންސަށް އަންގާފައި ވަނީ، ރާއްޖެއާ ސީޝެލްސްގެ ގޮފިތަކުގެ އެންމެ ފަހުގެ މާލީ ހިސާބުތައް ހެދުމަށްފަހު ހުށަހެޅުމަށެވެ. އަދި އެ ދެ ގޮފި މީގެ ކުރިން ހުޅުވުމަށްޓަކައި ތައްޔާރުކުރި ލިޔެކިޔުންތަކާ، އެފަދަ މައުލޫމާތުތައް ވެސް ކޮމިޓީއަށް ހުށަހެޅުމަށް ވަނީ އަންގައިފައެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، ސްރީލަންކާ އިންޝުއަރަންސްގެ މެނޭޖިން ޑިރެކްޓަރު ޓީއެމްއާރު ބަންގްސަ ޖަޔާހް ވިދާޅުވި ގޮތުގައި ރާއްޖެއާ ސީޝެލްސްގެ ގޮފިތައް ބަންދުކުރަން ނިންމީ ވިޔަފާރީގައި ގޮންޖެހުން ބޮޑުކަމުންނެވެ.

އެގޮތުން ރާއްޖޭގައި ސީލިންކޯ އިންޝުއަރަންސުން ވެސް އޮޕަރޭޝަންތައް ހިންގަމުން އައުމަކީ ގޮންޖެހުމެއް ކަމަށާއި، ސީލިންކޯއަށް ވުރެ ކުރިން ސްރީލަންކާ އިންޝުއަރަންސް ރާއްޖޭގައި ޚިދުމަތް ދޭން ފެށި ނަމަވެސް، އެ ކުންފުނީގެ އިންޝުއަރަންސް ޕްރޮޑަކްޓްސްއަށް "އިހުމާލުވެފައިވާ" ކަމަށެވެ.

ސީޝެލްސްގެ އާބާދީ ކުޑަވެ، އިންޝުއާ ކުރާނެ އިންޖީނުލީ އުޅަނދުފަހަރު މަދު ކަމަށާއި، އެ ގައުމުގައި މިހާރު ވެސް ވަރުގަދަ ތިން އިންޝުއަރަންސް ކުންފުނި ހުރުމުން، އެ ގައުމުގެ މާކެޓުގައި ވެސް ދެމިނުހުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްރީލަންކާ އިންޝުއަރަންސްގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވީ ރާއްޖެ އާއި ސީޝެލްސްގައި ވެސް އެ ކުންފުނީގެ ގޮފިތައް ގާއިމުކުރުމުގެ ކުރިން، ކޮންމެ ގައުމަކުންވެސް 250،000 ޑޮލަރުގެ ޑިޕޮސިޓެއް ހުށަހަޅަން އެދުނު ކަމަށާއި، ޑިޕޮސިޓުގެ ގޮތުގައި ދެ ގައުމަށް ދިން ޖުމްލަ 500،000 ޑޮލަރު އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް