ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ފަސް ހަފްތާ ތެރޭ 140 ކިލޯ ލުއިވެއްޖެ

އީމާން އިންޑިއާއަށް ގޮސް ސާޖަރީ ހެދި ފަހުން އޭނާގެ ބަރުދަން ވަނީ 140 ކިލޯ ލުއިވެފައި -- ފޮޓޯ: އޭއެފްޕީ

މުމްބާއީ (މާޗް 19): ބަރުދަން ލުއި ކުރާ ސާޖަރީއެއް ހެދުމަށްޓަކައި މިދިޔަ މަހު އިންޑިއާއަށް ދިޔަ ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ކަމަށް ބެލެވޭ އީމާން އަހުމަދު އަބްދުލް އާތީ ފަސް ހަފްތާ ތެރޭ 140 ކިލޯ ލުއިވެއްޖެ ކަމަށް އޭނާގެ ޑޮކްޓަރުން ބުނެފި އެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު އިންޑިއާއަށް ދިޔުމަށް ފަހު މިމަހުގެ ހަތް ވަނަ ދުވަހު ބަރުދަން ލުއި ކުރާ ސާޖަރީ ހެދި މިސްރުގެ ރައްޔިތެއް ކަމަށްވާ އީމާންއަށް މިހާރު ދަނީ މުމްބާއީގެ ސައިފީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާގެ ބަރުދަނުގައި 498 ކިލޯ މީގެ ކުރިން ހުރި ނަމަވެސް މިހާރު އޭނާގެ ބަރުދަނަކީ 358 ކިލޯ ކަމަށް އެހޮސްޕިޓަލުން ބުނެ އެވެ.

އީމާންގެ ބަރުދަން ލުއި ކުރުމަށް ޓަކައި އޭނާގެ ބަނޑުގެ ސައިޒް ވަނީ 15 ޕަސެންޓަށް ކުޑަކޮށްފަ އެވެ. އަދި މީގެ ކުރިން އީމާންއަށް ޖެހުނު ސްޓްރޯކަކާ ގުޅިގެން ކާނާ ދިރުވަން އުނދަގޫވާތީ، އޭނާއަށް މިހާރުވެސް ކާން ދެނީ ހޮޅި ގުޅައިގެން ކަމަށް ސައިފީ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައިވެ އެވެ.

އީމާންގެ އާއިލާއިން ބުނި ގޮތުގައި ޅައުމުރުން ފެށިގެން އީމާންގެ ބަރުދަން އާދަޔާ ހިލާފަށް އިތުރުވެ، ހަރަކާތް ވެސް ނުކުރެވޭ ހިސާބަށް ދިޔަ އެވެ. އަދި އޭނާ އިންޑިއާއަށް ދިޔައީ ގެއިން ބޭރަށް ނުދެވިފައި އޮންނަތާ 25 އަހަރު ފަހުން ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ.

comment ކޮމެންޓް