"ނާމާން" ލަސްވަނީ ބައެއް ކާސްޓުންގެ އެއްބާރުލުން ނުލިބޭތީ!

ފަރީލާ: "ނާމާން" ފިލްމުގައި މުހިއްމު ރޯލަކުން ފެންނާނެ---

އަހުމަދު ޝަކީބް (ޑރ. ޝަކީބް)ގެ މޫވީ މޯލްޑިވްސް އިން ޕްރޮޑިއުސްކޮށް، ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކޮށްފައިވާ ފިލްމު، "ނާމާން" ރިލީޒް ނުވެ ލަސްވަނީ ބައެއް ކާސްޓުންގެ ފުރިހަމަ އެއްބާރުލުން ނުލިބޭތީ ކަމަށް ފިލްމު ޕްރޮޑިއުސަރު އަހުމަދު ޝަކީބް ބުނެފި އެވެ.

'ސަން' އާ ވާހަކަ ދައްކަމުން ޝަކީބް މިއަދު ބުނީ، ފިލްމުގެ ޝޫޓިން ނިންމައި ޑަބިންގެ މަސައްކަތް ފެށުމުން ބައެއް ކާސްޓުންގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށެވެ. ނަމަވެސް މިހާރު ފިލްމުގެ ޑަބިން އެއްކޮށް ނިމިފައިވާ ކަމަށް އޭނާ ބުންޏެވެ.

"މި ފިލްމުގެ ބައެއް ކާސްޓުންގެ ފަރާތުން ޑަބިން އަށް ދިޔައިރު ނުލިބޭ އެއްބާރުލުމެއް. ވަރަށް ދަތިތަކާ ދިމާވި. ދެން ޖެހުނީ ބައެއް ޑަބިން އާޓިސްޓުން ހޯދައިގެން ޑަބް ކުރަން. މިހާރު އެކަމު ނިންމާލައިފިން ޑަބިން ވެސް،" ޝަކީބް ބުންޏެވެ.

މިދިޔަ އަހަރު "ނާމާން"ގެ ޝޫޓިން ނިމިފައިވާ އިރު އެ ފިލްމު މިދިޔަ އަހަރު ވެސް ރިލީޒް ކުރަން މަސައްކަތް ކުރިކަމަށް އޭނާ ބުންޏެވެ.

"ނާމާން" ގެ ޝޫޓިންގެ ތެރެއިން ފަރީލާ---

ޝަކީބް ބުނީ، މިހާރު ޑަބިންގެ މަަސައްކަތް އެއްކޮށް ނިންމައި، ފިލްމުގެ ނެޗުރަލް ސައުންޑުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާރު ދެން ކުރިޔަށް ދަނީ ނެޗުރަލް ސައުންޑުގެ މަސައްކަތާއި ފައިނަލް ކުރުމުގެ މަސައްކަތް،" ލ. އަތޮޅުގެ އިތުރުން މަލޭގައި ޝޫޓް ކޮށްފައިވާ ފިލްމާ ބެހޭ ގޮތުން ޝަކީބް ބުންޏެވެ.

ޝަކީބް ބުނީ، ފިލްމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުމަށް ފަހު ބެލުންތެރިންނާ ހަމައަށް ފިލްމުގެ ގެނެސްދެވޭނީ މި އަހަރުގެ ޖުލައި މަހުގެ ހިސާބުގައި ކަމަށެވެ.

ލޫއްޕެ: "ނާމާން" ގެ މުހިއްމު ރޯލަކުން ފެނިގެން ދާނެ---

ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ)ގެ ވާހަކަ އަކަށް ގެނެސްދޭ "ނާމާން" އަކީ ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްރާރު ކޮށްފައިވާ ފިލްމެ ކެވެ.

އިބްރާހީމް މޫސާ އާއި ޝިވާޒް(މާސްކޭ) ކެމެރާ ކޮށްފައިވާ އިރު ބެކް މިއުޒިކް ހަދާފައި ވަނީ މުހައްމަދު އިކްރާމެވެ. "ނާމާން" އަކީ ކުޅަދާނަ ތަރިންތަކެއް ހިމެނޭ ފިލްމެކެެވ. އޭގެ ތެރޭގައި ޔޫއްޕެ އާއި ފާތިމަތު ފަރީލާގެ އިތުރުން ލުފްޝާން ޝަކީބް (ލޫއްޕެ) އަދި އާމިރާ އިސްމައީލް ފަދަ ތަރިން ހިމެނެ އެވެ.

"ނާމާން" އިން އާމިރާ ވެސް ފެންނާނެ---

"ނާމާން"ގެ ކާސްޓަށް ބަލާ އިރު ޔޫއްޕެ ފިޔަވައި، ދެން ތިބި ތަރިންނަކީ ފިލްމީ ދާއިރާ އާ ވަރަށް ދުރުގައި މިހާރު ތިބި ތަރިންތަކެއްކަން ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް