މަރަދޫ އެކްސިޑެންޓުގައި މާލެ ގެނައި މީހާ ނާޒުކު ހާލަތެއްގައި، އޮތީ ވެންޓިލޭޓަރުގައި

މަރަދޫގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ ބިންމައްޗަށް ވެއްޓިފައި ---- ފޮޓޯ: ކިޔުންތެރިއެއް

އައްޑޫ ސިޓީ މަރަދޫގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އިތުރު ފަރުވާއަށް މާލެ ގެނައި މީހާގެ ހާލު ކްރިޓިކަލް ކަމަށާއި އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އިއްޔެ މެންދުރު ހިނގި އެ ހާދިސާގައި ބޮލަށް ބޮޑެތި ޒަޚަމްތަކެއް ލިބި އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ، ހިތަދޫ، ސޮޑާގެ، މުހައްމަދު އަޒީމް، 29 އަހަރެވެ.

އިއްޔެގެ އެކްސިޑެންޓް ހިންގަން މެދުވެރިވީ ބާރު ސްޕީޑެއްގައި ލިންކް ރޯޑްގެ މަރަދޫ ބޭންޑް ކައިރިން ދުއްވާފައިދަނިކޮށް ސައިކަލު ކޮންޓްރޯލުން ނެއްޓި ހޮޅިދަނޑިއެއްގައި ޖެހުމުން ކަމަށް ބުންޏެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިރޭ ސަން އަށް ވިދާޅުވީ، އެ ހޮސްޕިޓަލަށް ގެނައި އެމީހާގެ އޮތީ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުގައި ކަމަށެވެ. އަދި އޭނާގެ ހާލު ކްރިޓިކަލް ކަމަށާއި އޮތީ ވެންޓިލޭޓަރުގައި ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އޭނާގެ ފަރުވާ ކުރިއަށްދާތީ ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އައްޑޫ ސިޓީގައި އިއްޔެ މެންދުރު އެކްސިޑެންޓެއް ހިނގައި އެކަކު ސީރިއަސް ހާލުގައި އޮތް އިރު، އައްޑޫ ސިޓީ ފޭދޫއާއި ގަމާއި ގުޅޭ ހިސާބު ލިންކް ރޯޑުގައި ރޭ އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ.

comment ކޮމެންޓް