ކުރެންދޫ ޒުވާނުން އެރަށުގައި 1.5 މިލިއަން ރުފިޔާގެ ޓާފް ދަނޑެއް ތަރައްގީކުރަނީ

ކުރެންދޫގައި މިހާރު އަޅާފައިވާ ފުޓްސަލް ދަނޑު:ފޮޓޯ/ ކިޔުންތެރިއެއް

ޅ. އަތޮޅު ކުރެންދޫ ޒޫވާނުންތަކެއް އިސްނަގައިގެން، މިއަހަރު ނިމުމުގެ ކުރިން އެރަށުގައި ރަނގަޅު ފެންވަރެއްގެ ޓާފް ދަނޑެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ފަހުކޮޅު އެރަށުގައި ބާއްވާ ފުޓްބޯޅަ މުބާރާތުގެ ކުރިން ނިންމަން އަމާޒުހިފައިގެން، ޓާފް ދަނޑެއް އަޅުމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ސަން ސްޕޯޓްސްއާ ހިއްސާކުރަމުން، އެ މަސައްކަތުގައި އިސްކޮށްއުޅޭ ކުރެންދޫ ޒުވާނެއްކަމަށްވާ އިބްރާހިމް އާތިފް ބުނީ، ރޭ ހުޅުމާލޭ ގާޒީ ސްކޫލުގައި މި މަސައްކަތާ ގުޅޭ ގޮތުން ރަށުގެ ޒުވާނުންނާއި މަޝްވަރާ ބައްދަލުމެއް ބޭއްވުނު ކަމަށާއި އެ ބައްދަލުވުމަށްފަހު މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލާފައިވާކަމަށާއި އެ މަސައްކަތް ފަށާފައިވާކަމަށެވެ.

އާތިފް ބުނީ، ޓާފް އަޅައި ޒަމާނީ ފެންވަރަށް ހަދަން ނިންމާފައިވަނީ މިހާރުވެސް އެރަށުގައި ފުޓްބޯޅަ ކުޅުމަށް ހާއްސަކޮށްފައިވާ ބޮޑު ދަނޑު ކަމަށާއި މިހާތަނަށް ބެލި ބެލުމުން މި މަސައްކަތަށް 1.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވިފައިވާކަމަށެވެ.

"ދަނޑުގައި ޓާފް އެޅުމަށް 1.5 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް މި ބަލަނީ. ފައިސާ ހޯދަން ނިންމާފައި ވަނީ ކުރެންދޫގެ ޒުވާނުންގެ އެހީތެރިކަމާއި ހެޔޮއެދޭފަރާތްތަކުގެ އެހީތެރިކަމާއި އެކު،" އާތިފް ބުންޏެވެ.

އޭނާ ބުނީ، މިވަގުތަށް އޮތް އެންމެ ބޮޑު ކަމަކީ ދަނޑުގައި އެޅުމަށް ޓާފް ހޯދުން ކަމަށާއި އެކަމަށް ހޭދަވާނެ ކަމަށް ބެލެވޭ އަދަދަށް ފައިސާ ލިބުމާ އެކު މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ޒުވާނުން ލައްވައި ކަމަށްވެސް އޭނާ ބުންޏެވެ.

އާތިފް ބުނީ، ދަނޑު ނިމިގެންދާއިރު ލިބޭ ފަންޑަށް ބަލާފައި ދަނޑުގައި އިތުރު ހިދުމަތްތައްވެސް ގާއިމު ކުރެވިގެންދާނެކަމަށެވެ.

" ފައިސާ ލިބިއްޖިއްޔާ ޗޭންޖިންރޫމާއި ރޮސްޓްރޯމް އެއްވެސް ތަރައްގީ ކުރާނަނަން. ހުރިހާ ޒުވާނުންވެސް މިތިބީ މިކަމަށް ވަރަށް ބޮޑަށް އެއްބާރުލުން ދޭ ގޮތަށް،" އާތިފް ބުންޏެވެ.

ކުރެންދުއަކީ ޒަމާނުންސުރެ ފުޓްބޯޅައިގެ ފޯރި އޮންނަ ރަށަކަށްވާއިރު އާތިފް ބުނީ، މިފަދަ ދަނޑެއް އެޅިގެން ދިއުމަކީ ރަށުގެ ފުޓްބޯޅަ އިތުރަށް ތަރައްގީވެގެން ދާނެ ކަމެއް ކަމަށާއި، އެ ރަށުގައި މިވަގުތު ބޮޑެތި ފުޓްބޯޅަ މުބާރާތްތައް ބާއްވަމުންއަންނަ އިރު އެފަދަ މުބާރަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ދަނޑުގެ ހާލަތު ދަށްވުންކަމަށެވެ.

ކުރެންދޫ ޒުވާނުން އިސްނަގައިގެން އެރަށުގައި ޓާފް ދަނޑެއް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު ސަރުކާރުން ދާދި ފަހުންވަނީ އެރަށުގައި ފުޓްސަލް ދަނޑެއްވެސް އަޅައިދީފައެވެ.

comment ކޮމެންޓް