އީރާނުން މިއަހަރުގެ ހައްޖުގައި ބައިވެރިވާނެ: ސައުދީ އަރަބިއާ

ސައުދީ އަރަބިއާއިން ވަނީ ހައްޖަށްދާ ހުރިހާ ގައުމެއްގެ ރައްޔިތުންނަށް މަރުހަބާ ކިޔާ ކަމަށް ބުނެފަ -- ފޮޓޯ: ރޮއިޓާސް

ރިޔާދު (މާޗް 18): އީރާނުގެ ރައްޔިތުން މިއަހަރުގެ ހައްޖުގައި ބައިވެރި ވާނެ ކަމަށް ސައުދީ އަރަބިއާއިން ބުނެފި އެވެ.

ސައުދީ ޕްރެސް އޭޖެންސީން ނެރުނު ބަޔާނެއްގައިވާ ގޮތުން އީރާނުން ވަނީ އެގައުމުގެ ރައްޔިތުން ހައްޖަށް ފޮނުވުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އަޅައިފައެވެ.

އީރާނުގެ ރައްޔިތުން ހައްޖަށް ދާނެ އިންތިޒާމުތަކާ ބެހޭ ގޮތުން ސައުދީއާ އެކު އުފެދުނު ދެބަސްވުންތަކާ ގުޅިގެން މިދިޔަ އަހަރު އެގައުމުން ވަނީ އެގައުމުގެ ރައްޔިތުން ހައްޖަށް ފޮނުވަން ދެކޮޅު ހަދައިފައެވެ.

ސައުދީއާ އީރާނާ ދެމެދު މިދިޔަ އަހަރު ދެބަސްވުންތައް އުފެދުނީ އީރާނުގެ ޝީޢީ އިސް ލީޑަރެއްގެ މައްޗަށް ސައުދީން މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން، އެކަމާ ނުރުހުން ފާޅު ކުރުމުގެ ގޮތުން އީރާނުގެ ރައްޔިތުން އެގައުމުގައި ހުރި ސައުދީ އެމްބަސީގައި ރޯކޮށްލުމުންނެވެ. އޭގެ ސަބަބުން ސައުދީން ވަނީ އީރާނާ އެކު އޮތް ސިޔާސީ ގުޅުންތައް ކަނޑާލައިފައެވެ.

ނަމަވެސް އިއްޔެ ސައުދީ ހައްޖު މިނިސްޓްރީން ވަނީ ހައްޖަށް ދިޔުމަށް ހުރިހާ ގައުމުގެ ރައްޔިތުންނަށްވެސް މަރުހަބާ ކިޔާ ކަމަށް ބުނެފައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް