ސްވައިން ފްލޫ ޖެހުނު ދިވެހިންތަކަކަށް ފަރުވާ ދިން ވާހަކަ ލަންކާ ހޮސްޕިޓަލުން ދޮގު ކޮށްފި

ލަންކާ ހޮސްޕިޓަލުގެ މަތިން ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ/ ލަންކާ ހޮސްޕިޓަލް ފޭސްބުކް ޕޭޖް

ސްވައިން ފްލޫ ޖެހުނު ދިވެހިންތަކަކަށް ލަންކާ ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކެއް އެ ހޮސްޕިޓަލުން ދޮގު ކޮށްފިއެވެ.

އެ ވާހަކަތައް ދޮގުކޮށް ލަންކާ ހޮސްޕިޓަލްގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު (ޖީސީއީއޯ)، ޑރ. ޕުރަސާދް މެޑަވައްތޭ ނެރެފައިވާ ބަޔާނަކާ ބުނެފައި ވަނީ، ސްވައިން ފްލޫ ޖެހުނު އެއްވެސް ދިވެއްސަކަށް އެ ހޮސްޕިޓަލުން އެޑްމިޓްކޮށްގެން ފަރުވާ ނުދޭ ކަމަށެވެ. އަދި އެ ބަލީގައި އެއްވެސް މީހަކު ނިޔާވެފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ވާހަކަތަކަކީ އެ ހޮސްޕިޓަލުގެ އަގު ވައްޓާލުމަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށް ބުނެ، ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ދިވެހިންގެ ތަފްސީލް ވެސް ވަނީ ބަޔާނުގައި ހާމަކޮށްފައެވެ.

"ލަންކާ ހޮސްޕިޓަލުގައި މިހާރު އެޑްމިޓްކޮށްފައިވަނީ 12 ދިވެހިންނެވެ. އޭގެ ތެރެއިން 10 މީހުންނަކީ ސާޖިކަލް ޕޭޝަންޓުން އަދި ދެ މީހުންނަކީ މެޑިކަލް ޕޭޝަންޓުން،" ލަންކާ ހޮސްޕިޓަލްގެ ފޭސްބުކް ޕޭޖުގައި އެ ހޮސްޕިޓަލްގެ ޖީސީއީއޯ ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ އެއްވެސް ދައްޗެއް ނެތި އެ ހޮސްޕިޓަލުން ބަލިމީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

ސްވައިން ފްލޫ ޖެހިގެން ލަންކާ ހޮސްޕިޓަލުގައި އެއްވެސް ދިވެއްސަކަށް ފަރުވާ ނުދޭ ކަމަށް އެ ހޮސްޕިޓަލުން ބުނި ނަމަވެސް، ލަންކާގައި ސްވައިން ފްލޫ ދަނީ ފެތުރެމުންނެވެ.

އަދި ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިނުން ވެސް ވަނީ ރާއްޖޭގައި ފެތުރެމުންދާ އިންފުލުއެންޒާ ރޯގާ އާ ގުޅިގެން ރާއްޖެއަށް އެ އެއާލައިނުން ކުރާ ދަތުރުތަކުގައި ސިއްހީ ގޮތުން ސަލާމަތީ ފިޔަވަޅު އެޅުމަށް ނިންމާފައެވެ.

comment ކޮމެންޓް