ލޯންޗު އެކްސިޑެންޓްގައި ހާލުބޮޑުވި މީހާ މާލެ ގެނެސްފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި ލޯންޗަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފައި --- ސަން ފޮޓޯ: ކިޔުންތެރިއެއް

ގއ. ކޫއްޑޫއިން ފުރައިގެން އެ އަތޮޅު ވިލިނގިއްޔަށް ދަތުރު ކުރި ލޯންޗެއް ދޯންޏެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮލަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން މާލެ ގެނައި ފަޅުވެރިޔާގެ ހާލު ރަނގަޅު ކަމަށް ލޯންޗުގެ ވެރިފަރާތުން ބުނެފި އެވެ.

"ސަން"އާ ވާހަކަ ދައްކަމުން ލޯންޗުގެ ވެރިފަރާތުން ބުނީ އެ އެކްސިޑެންޓްގައި ބޮލަށް ލިބުނު އަނިޔާތަކަކާ ގުޅިގެން އެ ލޯންޗުގެ ބިދޭސީ ފަޅުވެރިޔަކު އިއްޔެ ހެނދުނު މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. އޭނާ ބުނީ ފަޅުވެރިޔާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

'ލޯންޗުގައި ހުރި ކެޕްޓަނަށާއި ދެ ފަޅުވެރިންނަށް ވެސް ވަނީ އަނިޔާވެފައި. ކެޕަޓަނާއި އެއް ފަޅުވެރިޔަކު ވަނީ ވިލިގިލީ އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދާފައި. މާލެ ގަނައި ބިދޭސީ ފަޅުވެރިޔާ،" ލޯންޗުގެ ވެރިފަރާތުން ބުންޏެވެ.

ލޯންޗާއި ދޯނި ޖެހި އެކްސިޑެންޓް ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ އިރާކޮޅުއެވެ. އެނގިފައިވާ ގޮތުގައި އެ އެކްސިޓެންޑް ހިނގަން މެދުވެރިވި ސަބަބަކީ ދޯނީގެ ނެވިގޭޝަން ލައިޓްތައް ނިއްވާލާފައި ހުރުމުން ލޯންޗުގެ ކައްޕިއަށް ދޯނި ނުފެނު ގޮސް ދޯނީގައި ޖެހުނީއެވެ.

ލޯންޗުގެ ވެރިފަރާތުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައި ބަޔާން ދީފައިވާ ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގްކުރަމުންދާ ކަމަށް ވެރިފަރާތުން ބުނެއެވެ.

comment ކޮމެންޓް