ރާއްޖޭގައި ފެތުރޭ ރޯގާއާ ގުޅިގެން ސްރީލަންކަނުން ސަލާމަތީ ފިޔަވަޅުތަކެއް އަޅައިފި

ސްރީލަންކަން އެއާލައިންގެ ފްލައިޓެއް ގަމުގައި ---

ރާއްޖޭގައި ފެތުރެމުންދާ އިންފުލުއެންޒާ ރޯގާ އާ ގުޅިގެން ރާއްޖެ އަށް އެންމެ ގިނަ ދަތުރުކުރާ ބޭރުގެ އެއާލައިން، ސްރީލަންކަން އެއާލައިންސް އިން ސަލާމަތީ ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.

ސްރީލަންކަން އެއާލައިންސްގެ ކުރޫއާ ހަވާލާދީ ސްރީލަންކާގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ފިޔަވަޅުތައް އަޅަން ނިންމާފައި ވަނީ ކޮންމެހެން ކުރަން ނުޖެހޭ ދަތުރުތައް ނުކުރުމަށް ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާތީ ކަމަށެވެ.

އެގޮތުން، ރާއްޖެއަށް އަންނަ އަދި ފުރާ ފްލައިޓްތަކުގެ ކުރޫ އިން މޫނު މަތީގައި މާސްކް އަޅަން އަންގާފައިވާ އިރު، މޫނު މަތީ މާސްކު ބޭނުންވާ ފަސިންޖަރުންނަށް ފްލައިޓް ތެރެއިން މާސްކު ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

"ސަލާމަތީ ގޮތުން އަޅާ މިފަދަ ފިޔަވަޅުތަކަކީ އެއާލައިންގެ ހިދުމަތް ލިބިގަންނަ ފަސިންޖަރުންނާއި ކުރޫ އިންގެ ފައިދާއަކަށް އަޅާ ފިޔަވަޅުތަކެއް. އަދި މިފަދަ ކަންތައްތަކުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވާ ދަތިތަކަށް އެއާލައިނުން މާފަށް އެދެން،" ސްރީލަންކަން އެއާލައިނުން ބުނެފައިވެ އެވެ.

ދުނިޔޭގެ 47 ގައުމެއްގެ 102 މަންޒިލަކަށް ދަތުރުކުރާ އިންޑިއާ ކަނޑުގައި އޮޕަރޭޓުކުރާ، ދުނިޔޭގެ ލީޑިންގް އެއާލައިން ކަމަށްވާ ސްރީލަންކަން އެއާލައިންސް އިން ސަލާމަތީ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ އިރު އިންޑިއާ އަދި ސްރީލަންކާގައި ވެސް ސްވައިން ފްލޫ ދަނީ ފެތުރެމުންނެވެ.

އަދި ރޯގާއާ ގުޅިގެން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މިއަދު ރާއްޖެ އަށް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅު ވަނީ ފަސްކުރައްވައިފަ އެވެ.

comment ކޮމެންޓް