އޮބާމާގެ ވެރިކަމުގައި މާކެލްގެ ފޯނު ކޯލުތައް ވެސް އަޑުއަހާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (މާޗް 18): އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލްގެ ފޯނު ކޯލުތައް ވެސް އަޑު އަހާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މާކެލް އެމެރިކާއަށް ވަޑައިގަތުމާ ގުޅިގެން ވައިޓްހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އެ ދެ ބޭފުޅުންގެ މެދުގައި އޮތް އެއް ގޮތް ކަމަކީ އެމެރިކާގެ ކުރީގެ ސަރުކާރުން ދެ ބޭފުޅުންގެ ފޯނު ކޯލުތައް ވެސް އަޑު އެހި ކަން ކަމަށް ވިދާޅުވެފަ އެވެ.

ރައީސް އޮބާމާގެ ސަރުކާރުން މާކެލްގެ ފޯނު ކޯލުތައް އަޑު އަހައި، ޖާސޫސު ކުރަން މަސައްކަތްކުރިކަމުގެ ރިޕޯޓުތައް ވަނީ 2013 ވަނަ އަހަރު އާއްމުވެފަ އެވެ. އޭގެ ސަބަބުން އެމެރިކާއަށް ޖަރުމަނުގެ ނުރުހުން އަމާޒުވި އެވެ.

ނަމަވެސް ރައީސް ޓްރަމްޕްގެ ފޯނު ކޯލުތައް އަޑު އަހަން ރައީސް އޮބާމާ އަމުރު ކުރެއްވި ކަމަށް ބުނެ ކުރާ ތުހުމަތުތައް އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީ އާއި ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވެސް ވަނީ ދޮގު ކުރައްވައިފަ އެވެ.

ޖަރުމަނުން ގެންގުޅޭ އިމިގްރޭޝަން ސިޔާސަތަށް ފާޑުވިދާޅުވެފައިވާ ޓްރަމްޕް ވަނީ ނޭޓޯއާ އާއި ވިޔަފާރިއާ ބެހޭ ގޮތުން މާކެލްއާ މަޝްވަރާކުރައްވާފަ އެވެ. އެގޮތުން އެޖަމާއަތުގެ ދިފާއީ ހަރަދުތައް، މެންބަރު ހުރިހާ ގައުމުތައް އެއްނިސްބަތަކުން ހިއްސާ ކުރަންޖެހޭކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި މާކެލް ވަނީ ޖަރުމަނުން އޮތީ އެގައުމުގެ ދިފާއީ ހަރަދުތައް އިތުރު ކުރަން ތައްޔާރަށް ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)

comment ކޮމެންޓް