Sun Online
އުމުރާގެ އަޅުކަމަށް ދިވެހިންތަކެއް ކުރަނީ-- ފޮޓޯ: ހައްޖު ކޯޕަރޭޝަން
އުމުރާގެ އަޅުކަމަށް ދިވެހިންތަކެއް ކުރަނީ-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

މަންމަ އާއި ބައްޕައަށް ސަޕްރައިޒްދޭން މޮޅުގޮތެއް!

އަހުމަދު ސާއިލް އަލީ
ލިޔުނީއަހުމަދު ސާއިލް އަލީ

ހަތް ދަރިން ތިބޭ އާއިލާއެކެވެ. މަންމައާއި ބައްޕަގެ އައިޑީކާޑް ހޯދައިގެން ހައްޖު ކޯޕަރޭޝަންއަށް ގޮސް އުމްރާއަށް ފޮނުވުމަށް ރަޖިސްޓްރީކުރި އެވެ. އެކަންކުރީ މަންމައާއި ބައްޕައަށް ނާންގަ އެވެ. ރަޖިސްޓްރީ ކުރުމަށް ފަހު ހަތް ކުދިން އެކުއްޖަކަށް ދެއްކުނު ވަރެއް ދެއްކީ އެވެ. މާ ގިނަ ދުވަހެއްނުވެ މަންމައާއި ބައްޕަ އުމުރާއަށް ފޮނުވުމަށް ބޭނުންވާ ފައިސާ ހަމަޖެހުނެވެ.

"ގޭގައި ބޭއްވީ ކެއުމެއް، ދެން ފެމެލީ ހުރިހާ ކުދިން އައީ، އޭރު ވެސް މަންމައާއި ބައްޕައަކަށް ނޭނގޭނެ ކުރަން މިއުޅެނީ ކޮންކަމެއްކަމެއް، ދެން އެކެއުމުގެ ތެރެއިން މަންމައާއި ބައްޕައަށް މިދިނީ ހައްޖު ކޯޕަރޭޝަންއިން ދިން ލެޓާ، ވަރަށް ސަޕްރައިޒްވެފައި ތިބީ،" މަންމައާއި ބައްޕަ އުފާކޮށްދިންގޮތް ކިޔައިދެމުން އެކަމުގައި އިސްކޮށް އުޅުނު ދަރިފުޅު ބުންޏެވެ.

އުމުރާގެ އަޅުކަމަށް ދިވެހިންތަކެއް ކުރަނީ-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

މެދުއުމުގެ އެދެމަފިރިންގެ މިދިޔަ ބުރާސްފަތި ދުވަހު އުމްރާގެ މާތް އަޅުކަމަށް ފުރާފައިވާ އިރު ދެ މީހުންނަށް ދައްކަންޖެހުނީ ޖުމުލަ 44000 ރުފިޔާ އެވެ. އެއާއިލާއިން މައުލޫމާތު ދިން ގޮތުގައި ހަތް ދަރިން ކުރިއާލައި އެކަމާ އުޅުމުން އެކަން އުނދަގޫ ކަމަކަށްނުވި އެވެ.

"މިއަށްވުރެ ސަޅި ސަޕްރައިޒެއް ނުދެވޭނެ އާއިލާއަކަށް، އެއުމުރުގައި އެންމެ ރަނގަޅު ކަމަކީ މިއީ. އަނެއްހެން ދޭ ހަދިޔާއެއް އެނުވާނެ މާބޮޑު ކަމަކަށް، އަނެއްކާ ހުރިހާ ކުދިން ކޮންޓްރިބިއުޓް ކުރީމާ ހަގީގަތުގައި މިކަން ނުވޭ މާ ބޮޑު ކަމަކަށް،" އިސްކޮށް އުޅުނު ކުއްޖާ ބުންޏެވެ.

މިއަހަރުގެ ފުރަތަމަ ދަތުރުގައި ހައްޖު ކޯޕަރޭޝަންގެ 155 މީހުން މިހާރުވީ އުމުރާގަ އެވެ. އޭގެ ތެރޭގައި މިދެއްނެވިގޮތަށް ބަހާލައިގެން އުމުރާއަށް ދިޔަ ފަރާތްތައް ގިނަ އެވެ. އަދި އެގޮތަށް ހައްޖަށް ފައިސާ ދައްކާ ފަރާތްތައް ވެސް ގިނަ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް ވިދާޅުވި ގޮތުގައި އާއިލާ މެމްބަރުންގެ ނަމުގައި ހައްޖު ކޯޕަރޭޝަންގައި އެކައުންޓެއް ހުޅުވައިގެން ހައްޖަށް ނުވަތަ އުމްރާއަށް ދިއުމަށް ފައިސާ ރައްކާ ކުރެވޭނެ ކަމަށެވެ.

"މަންމަ ނުވަތަ ބައްޕަ ނަމުގައި އެކައުންޓެއް ހުޅުވާފައި ކޮންމެ ދަރިއަކަށް ވެސް ކޮންޓިބިއުޓް ކުރެވުނު ވަރެއް ކުރަންވީ، ފުލެކްސިބިލިޓީ އިންނާނެ ކޮންމެ މީހަކު ދެއްކޭ ވަރެއް ދެއްކީމަ ރަނގަޅު ވާނެ. ކޮންމެ ހެން ވަކި ވަރެއް ދައްކާކަށް ނުޖެހޭ، އަދި އެއްމަހު ދައްކާފައި އަނެއް މަހު ނުދެއްކުނަސް އެއީ ވެސް މައްސަލައެއް ނޫން، އޮންލައިންކޮށް ވެސް އިސްލާމިކް ބެންކް މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ، އަދި އޮފީހުން ވެސް ދެއްކޭނެ،" ޔާމީން ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ މަސްވެރިން ދަނީ އެސްކީމުގައި ބައިވެރިވަމުންނެވެ. މަސްވެރިކަން ރަނގަޅު ދުވަސްވަރު ފައިސާ ދައްކައި ރައްކާކުރަނީ އެވެ. އަދި އެފައިސާއަކީ ބޮޑު ކަމެއް ދިމާވެއްޖެ ނަމަ އަނބުރާ ނެގޭނެ ފައިސާ އެވެ.

ކޮންމެ އަކަސް ހައްޖު އަދި އުމުރާއަށް ދިއުމަށް ފައިސާ ރައްކާކުރަން މިވަނީ ރަނގަޅު ގޮތެއް އެކުލަވާލާފަ އެވެ. މަންމަ އާއި ބައްޕައަށް ހަދިޔާއެއް ދިނުމަށް މިއަށްވުރެ މޮޅުގޮތެއް ނޯންނާނެ އެވެ.

infinity loading...
×
DB released 01.