ހެލިކޮޕްޓަރުތަކަކުން އެމްއެމްއޭއަށް ފައިސާ ވެއްދި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

ސައުދީ ރަސްގެފާނުގެ ސެކިއުރިޓީއަށް މާލެ އައިސްފައިވާ ދެ ހެލިކޮޕްޓަރު ޖުމްހޫރީ މައިދާނުގައި --- ފޮޓޯ/ ސޯސަލް މީޑިއާ

ސައުދީ އަރަބިއާގެ ހެލިކޮޕްޓަރުތަަކަކުން ފޮށިތަކެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ގިނަ އަދަދެއްގެ ފައިސާ ތަކެއް ވެއްދިކަމަށް ބުނެ ސޯސަލް މީޑިއާގައި ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

އެމްއެމްއޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހެލޮކޮޕްޓަރުތަކެއްގައި ބޭލި ފޮށިތަކަކާ އެ އޮތޯރިޓީގެ މުވައްޒަފުން ހަވާލުވިކަމަށް ބެނެ ސޯސަލް މީޑިއާގައި ފަތަރަމުން ދަނީ 'ކަނޑައެޅިގެން ދޮގު' ވާހަކަތަކެއް ކަމަަށާއި އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ.

"ބައެއް ސިޔާސީ ފަރާތްތަކުން މި އޮތޯރިޓީއާ ގުޅޭގޮތުން އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަަަކަތައް ދައްކަމުން ގެންދާތީ، އެކަމާ މި އޮތޯރިޓީން ނުހަނު ކަންްބޮޑުވަމެވެ. މިފަދަ ފަރާތްތަކުން އެފަދަ ދޮގު ވާހަކަތައް ދައްކަމުންދަނީ، ސިޔާސީ ބޭނުންތައް ހާސިލުކުރުމަށްޓަކައި، މި އޮތޯރިޓީ އާއި ރާއްޖޭގެ މާލީ ނިޒާމާމެދު އާންމުންގެ ހިތުގައި އޮންނަންޖެހޭ އިތުބާރު ނަގާލާ، ރާއްޖޭގެ މާލީ ނިޒާމުގެ ހަމަޖެހުން ނަގާލުމަށެވެ،" އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީ އާއި އެ ތަނުގެ މަވައްޒަފުންނާ ބެހޭ ގޮތުން ސޯސަލް މީޑިއާ އާއި އެހިނިހެން ވަސީލަތްތައް ބޭނުންކޮށްގެން ދޮގު ވާހަކަ ދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާނު ބިން އަބަދުލް އަޒީޒް ރާއްޖެ ކުރުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގެ ސެކިއުރިޓީ ބެލެހްޓުމަށް އައި މަނަވަރުގެ ދެ ހެލިކޮޕްޓަރަކުން އެމްއެމްއޭ އަށް ގިނަ އަދަދެއްގެ ފައިސާތަކެއް ވެއްދި ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް