ގިނަ އަދަދެއްގެ ކާޑު ހިފައިގެން ދަތުރުކުރަނިކޮށް ފަރަށް އެރި ދޯނި ފުންކޮށްފި

"އިނާ" ނަމަކަށް ކިޔާ ދޯނި(ކ) ފަރަށް އެރުމުން އޭގައި ހުރި ކާޑު ސަލާމަތް ކުރުމަށް މަސަތްކަތް ކުރަނީ --- ފޮޓޯ: އެމްއެންޑީއެފް

އެސްޓިއޯއިން ކާޑު ބަރުކޮށްގެން އުތުރުގެ ރަށްތަކަށް ދަތުރުކުރަނިކޮށް ރޭ ދަންވަރު މާލެ އަތޮޅު މަކުނުދޫ އައިލެންޑް ރިސޯޓުގެ ފަރަށް އެރި "އިނާ" ދޯނި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް)ގެ އެހީތެރިކަމާއި އެކު ފުންކޮށްފިއެވެ.

އެ ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ ރޭ މެންދަމު 3:16 ގައެވެ. އެމްއެންޑީއެފްއިން އިން ބުނީ ދޯނި ފަރަށް އެރި ހަބަރު ލިބުމާއި އެކު ޑައިވަރުންނާއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ 1800 ބަސްތާ ކާޑު ހިފައިގެން ދަތުރުކުރަނިކޮށް ފަރަށް އެރި ދޯނި ފުން ކުރެވިފައި ވަނީ މިއަދު ހަވީރު 17:00 ހާއިރުު ކަމަށެވެ. އަދި އިތުރު ދޯންޏެއްގެ އެހީތެރިކަމާ އެކު އެ ދޯނި މިހާރު ތިލަފުއްޓަށް ވައްދާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

އޭނާ ވިދާޅުވީ ދޯނީގައި ހުރި ގިނަ އަަދަދެއްގެ ކާޑުގައި ވަނީ ފެން ޖެހެފައި ކަމަށާއި ގެއްލުމުގެ ސީދާ އަގު އެނގޭނީ ދޯނީގެ ވެރިފަރާތަށް ކަމަށެވެ. އެ ދޯނިން ދިވެއްސަކާއި ތިން ބިދޭސީން ދަތުރުކޮށްފައިވާ އިރު، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

comment ކޮމެންޓް