ޓެރަރިސްޓު ހަމަލާގައި މަރުވި ފުލުހުންގެ އާއިލާތަކަށް އަކްޝޭގެ ފަރާތުން 1.08 ކުރޯޑު!

އަކްޝޭ ކުމާރު

މި މަހުގެ 11 ވަނަ ދުވަހު، އިންޑިއާގެ ޗައްތިސްގަޑްގެ ސުކްމާ ޑިސްޓްރިކްޓުގައި ހަތިޔާރު އެޅި ހަނގުރާމަވެރިންގެ ގްރޫޕަކުން ދިން ހަމަލާތަކެއްގައި މަރުވި އިންޑިއާގެ ފުލުހުންގެ އާއިލާ ތަކަށް ސުޕަސްޓާރ އަކްޝޭ ކުމާރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ހަމަލާ ގައި މަރުވެފައި ވަނީ އިންޑިއާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް (ސީއާރުޕީއެފް) އަށް ނިސްބަތްވާ 12 ފުލުހުންނެވެ.

އަކްޝޭ އަކީ އަބަދުވެސް އިންޑިއާގެ ދިފާއީ ބާރުތަކާ ވަރަށް ގާތް ގުޅުމެއް ބާއްވާ ފަންނާނެކެވެ. އެގޮތުން އަކްޝޭ ވަނީ ހަމަލާ އަށް ފަހު ހިނގައި ދިޔަ ހުރިހާ ކަމެއްގެ މައުލޫމާތު ސާފުކޮށްފަ އެވެ. އަދި މަރުވި ފުލުހުންނާއި ފުލުހުންގެ އާއިލާތަކާ ގުޅޭ މައުލޫމާތު ވެސް އަކްޝޭ ވަނީ ހޯދައިފަ އެވެ.

މައުލޫމާތު ހޯދުމަށް ފަހު އަކްޝޭ ވަނީ، ފުލުހުން ނިސްބަތްވާ ކޮންމެ އާއިލާ އަކަށް ނުވަ ލައްކަ އިންޑިއަން ރުޕީޒް ހަދިޔާ ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

އަކްޝޭގެ ދީލަތިކަން ސީއާރުޕީއެފް އިން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ގައުމަށްޓަކައި ގުރުބާންވާ ފުލުހުންނާއި ސިފައިންނަށްޓަކައި އޭނާ ކޮށްދޭ ހެޔޮ ކަންތައްތަކަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

comment ކޮމެންޓް