ލޯންޗަކާއި ދޯންޏެއް ޖެހި މީހެއްގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ވެއްޖެ

ކޫއްޑޫއިން ފުރައިގެން ދިޔަ ލޯންޗު އެކްސިޑެންޓުވެ، ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި --- ސަން ފޮޓޯ/ ކިޔުންތެރިއެއް

ގއ. ކޫއްޑޫއިން ފުރައިގެން އެ އަތޮޅު ވިލިނގިއްޔަށް ދަތުރުކުރި ލޯންޗެއް ދޯންޏެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލޯންޗުގެ ފަޅުވެރިއަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގީ މިރޭ 7:45 ކަންހާއިރު އެވެ. އަދި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދޯނީގެ ނެވިގޭޝަން ލައިޓްތައް ނުދިއްލާ ހުރުމުގެ ސަބަބުން ކަން ވެސް އެނގިފައިވެއެވެ. އެކެސިޑެންޓް ހިނގި ވަގުތު ފަޅުވެރިއެއްގެ ގޮތުގައި ހުރި ބިދޭސީއެއް ވަނީ މޫދައް ވެއްޓިފަ އެވެ. ނަމަވެސް ލޯންޗުގެ ކައްޕި އާއި ލޯންޗުގައި ދެން ހަރަކާތްތެރިވި އިތުރު ފަޅުވެރިއެއްގެ އެހީގައި ބިދޭސީ މީހާ ވަނީ ލޯންޗައް ނަގާފައެވެ.

ވިލިގިލީ ހޮސްޕިޓަލްގެ މެނޭޖަރު ޝާފިޒް މޫސާ 'ސަން'އަށް ވިދާޅުވީ މިރޭ ހިނގި އެ އެކްސިޑެންްޓްްގައި ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުންދާ ކަމަށެވެ. އަދި ދެ މީހެއްގެ ހާލު ރަނގަޅު ނަމަވެސް ބިދޭސީ ފަޅުވެރިޔާގެ ހާލު ސީރިއެސް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބިދޭސީ މީހާގެ ބޮލަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި. މާދަމާ 10 އެއްގެ ފްލައިޓުން އޭނާ މާލެ ފޮނުވާލުމަށް މި ވަނީ ހަމަޖެހިފައި،" ޝާފިޒް ވިދާޅުވި އެވެ.

comment ކޮމެންޓް