އެސްޓީއޯ އާއި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކުގެ މާބަނޑު މުވައްޒަފުންނަށް ވެސް ޗުއްޓީ ދީފި

އެސްޓީއޯގެ ސުޕަ މާޓު-- ސަންފޮޓޯ/ އަހުމަދު ޝަރުވާން

ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ހުމުގެ ސަބަބުން މާބަނޑު މީހުންނަށް ނުރައްކާ ބޮޑުކަމަށްވާތީ، ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީ)އާއި އެކުންފުނީގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުނިތަކުގެ މާބަނޑު މުވައްޒަފުންނަށް ޗުއްޓީ ދީފިއެވެ.

އެ ކުންފުނީގެ ސަބްސިޑަރީ އަށް ކުންފުންޏެއް އޮންނަ އިރު، އޭގެ ތެރެއިން ރާއްޖޭގައި ހިންގާ ހަތް ކުންފުނީގެ މާބަނޑު މުވައްޒަފުންނަށް ވަނީ ޗުއްޓީ ދީފައެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ، އެލައިޑް އިންޝުރެންސާއި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި މޯލްޑިވްސް ގޭހާއި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީގެ އިތުރުން މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްސްމއާއި ލަފާޖް މޯލްޑިވްސް ސިމެންޓް ކުންފުނި އަދި މިފްކޯ ހިމެނެއެވެ.

އެސްޓީއޯ އާއި އެކުންފުނީގެ ސަބްސިޑަރީ ހުރިހާ ކުންފުނިތަކުގެ މާބަނޑު މުވައްޒަފުންނަށް ޗުއްޓީ ދީފައިވާއިރު، އެމްޕީއެލްއާއި ސިވިލް ސާވިސް އަދި ޝަރުއީ ދާއިރާގެ ހުރިހާ މާބަނޑު މުވައްޒަފުންނަށް ވަނީ މިހާރު ޗުއްޓީ ދީފައެވެ.

މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން، ސްވައިން ފްލޫއަށް ޝައްކު ކުރެވިގެން 335 މީހުން ޓެސްޓުކޮށްފައިވާއިރު އޭގެ ތެރެއިން 105 މީހަކު ވަނީ ހުމަށް ޕޮޒިޓިވް ވެފައެވެ. އަދި ތިން މީހަކު ވަނީ ހުމުގެ ސަބަބުން މަރުވެފައެވެ.

comment ކޮމެންޓް