ސައުދީ ރަސްގެފާނުގެ ޗައިނާ ދަތުރުފުޅުގައި 65 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓުތައް

ސައުދީ އަރަބިއާގެ ސަލްމާން ރަސްގެފާނު އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން -- ފޮޓޯ/ ރޮއިޓާސް

ބެއިޖިން (މާޗް 16): ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ޗައިނާއަށް ވަޑައިގެން އެ ގައުމާ އެކު 65 ބިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކެއްގައި ސޮއި ކުރައްވައިފި އެވެ.

ގާތްގަނޑަކަށް 1000 މީހުންނާއެކު އިއްޔެ ޗައިނާއަށް ވަޑައިގަތް ސަލްމާން ރަސްގެފާނަށް މަރުހަބާ ވިދާޅުވީ އެ ގައުމުގެ ރައީސް ޝީ ޖިންޕިން އެެވެ. ރައީސް ޝީ ވަނީ މިދިޔަ އަހަރު ސައުދީ އަރަބިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރުގެ ނައިބު، ޒަންގް މިންގް ވިދާޅުވި ގޮތުގައި ހަކަތަ އާއި ޖައްވީ ޕްރޮޖެކްޓުތައް ހިމެނޭ ގޮތަށް މިއަދު ދެ ގައުމުގެ މެދުގައި ހެދި އެއްބަސްވުންތަކުގެ އަގު 65 ބިލިއަން ޑޮލަރަށް އަރާނެ އެވެ. ނަމަވެސް އެއެއްބަސްވުންތަކުގެ ތަފްސީލު އޭނާ ނުދެއްވަ އެވެ.

އަދި ސަލްމާން ރަސްގެފާނާއި ރައީސް ޝީ ވަނީ ޔަމަނު ހަނގުރާމަ އާއި ސީރިއާ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައި ކަމަށާއި، އެހަނގުރާމަތައް ނިމުމަކަށް ގެނެވޭނީ ސިޔާސީ މަޝްވަރާތައް ބާއްވައިގެން ކަން ދެބޭފުޅުން އެއްބަސްވެ ވަޑައިގަތް ކަމަށް ޒަންގް ވިދާޅުވި އެވެ.

ސަލްމާން ރަސްގެފާނު ޗައިނާއަށް ވަޑައިގެންނެވީ އިންޑޮނޭޝިއާގެ ބާލީގައި އަށް ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއްވުމަށް ފަހުގައި އެވެ. އެޗުއްޓީގައި ސައުދީ ރަސްގެފާނު ވަނީ 23 މިލިއަން ޑޮލަރު ހޭދަކުރައްވާފައި ކަމަށް ބާލީގެ އޮފިޝަލަކު ލަފާ ކުރެއްވި އެވެ.

އޭޝިއާގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ސަލްމާން ރަސްގެފާނު ދެން ޗުއްޓީ ހޭދަކުރައްވާނީ ރާއްޖޭގައެވެ. ރަސްގެފާނުގެ ޗުއްޓީއަށް މިހާރު ވަނީ ތިން ރިސޯޓެއް ހިފާފައެވެ. (ރޮއިޓާސް)

comment ކޮމެންޓް