އެމްޑީޕީ ހަރުގެއަށް ވަދެ، ފޮތި ފޭލިތަކެއް ފުލުހުން ގެންގޮސްފި

މި މަހުގެ ހަތް ވަނަ ދުވަހު ފުލުހުން ހަރުގެ ބަލައިފާސްކުރުމަށްފަހު ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އާޓްފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީ ހަރުގެއަށް ކޯޓު އަމުރަކާއެކު ފުލުހުން ވަދެ، އެތަން ބަލައިފާސްކޮށް، ބައެއް ތަކެތި ފުލުހުން ގެންގޮސްފި އެވެ.

ސައުދީ ރަސްގެފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަށް ހުރަސްއަޅަން އުޅޭ ކަމުގެ ތުހުމަތުގައި އެމްޑީޕީ ހަރުގެ ބަލައިފާސްކުރީ މިއީ ތިން ވަނަ ފަހަރެވެ.

އެމްޑީޕީ ހަރުގެ ބަލައިފާސްކުރަމުން ދިޔަ ވަގުތު އެ ސަރަހައްދަށް އެ ޕާޓީގެ ސެކަރެޓަރީ ޖެނަރަލް އަނަސް އަބްދުއް ސައްތާރު ވަޑައިގަތުމުން، އޭނާގެ ހާޒިރުގައި އެތަން ބަލައިފާސްކުރުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފަ އެވެ.

އަނަސް ވިދާޅުވީ ކުރިން ދެ ފަހަރު އެމްޑީޕީ ހަރުގެ ބަލައިފާސްކޮށްފައި ވަނީ އޭނާގެ ހާޒިރުގައި ކަމަށާއި ނަމަވެސް މިފަހަރު އެގޮތަށް އަމަލު ކުރެވެން ނެތް ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.

އަނަވެސް ވިދާޅުވި ގޮތުގައި ހަރުގެ ބަލައިފާސްކުރުމަށްފަހު އެތަނުން ފޮތި ފޭލިތަކެއް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ. އެ އޮތި ފޭލިތަކަކީ ފެއްސާއި ރަތާއި ހުދުގެ ކުލަތަކުގެ ފޭލިތަކެއް ކަމަށް އަނަސް ވިދާޅުވި އެވެ.

"އެ ފޭލިތަކަކީ ފ. އަތޮޅު 'ވިއްކާލުމާ' ދެކޮޅަށް އަޅުގަނޑުމެން ކުރާ މުޒާހަރާގައި ބޭނުން ކުރަން ތައްޔާރުކުރަމުންދާ އެއްޗެހިތަކެއް،" އަނަސް ވިދާޅުވި އެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން "ސަން"އަށް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އެމްޑީޕީ ހަރުގެ މިއަދު ހަވިރު ބަލައިފާސްކޮށްފައިވާ ކަަމަށާއި އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ފަހުން އާންމު ކުރާނެ ކަމަށެވެ.

comment ކޮމެންޓް