އެއް ކުންފުންޏަކާއެކު ކްލަބެއް މަސައްކަތްކުރަން ހަތަރު އަހަރު ގިނަ: ރައީސް ޔާމީން

ކްލަބުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުނިތައް ހަމަޖެއްސުމަށް މިއަދު ގަލޮޅު ދަނޑުގެ ވީއައިޕީގައި ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ

ކުލަބްތަކުގެ މާލީ ހާލަތު ރަނގަޅުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން ކުންފުނިތަކާ ކްލަބްތައް ގުޅުވާލަދިނުމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިސްނެންގެވުމެއްގެ މަތިން ކުރިއަށްދާ ހާއްސަ ޕްރޮގްރާމްގައި ކުންފުނިތަކާއި ކްލަބްތައް ހަތަރު އަހަރުދުވަށް ގުޅުވާލުމަށް އޮތް އޮތުން އެއަށްވުރެ ކުރުމުއްދަތަކަށް ބަދަލު ކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޓީސީ ސްޕޯޓްސް ކުލަބް ޝެއިހް ކަމާލް އިންޓަނޭޝަނަލް ކުލަބް ކަޕްގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެއް ކްލަބަކާއެކު ކުންފުންޏަކުން މަސައްކަތްކުރާން ހަތަރު އަހަރަކީ ދިގު މުއްދަތެއްކަމަށާއި އެއަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހޭކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު އުންމީދުކުރެއްވީ އެންމެ ގިނަވެގެން އެއް ކުންފުންޏަކާ އެކު ޓީމެއް ހޭދަ ކުރަންވާނީ ދެ އަހަރު ދުވަސް ކަމަށާއި އެއަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ މައްސަލަ ތަކެއް ނުކުންނާނެކަމަށެވެ. އޭގަ ބަދަލުގައި އެ ކްލަބާއެކު އެހެން ކުންފުންޏަކުން މަސައްކަތްކުރުމުގެ ފުރުސަތު ދީފި ނަމަ، އޭގެ ހެޔޮބަދަލު ފެންނާނޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދުކުރީ އެންމެ ގިަނވެގެން 2 އަހަރުކަމަށް ވާނީ. އެއަށް ވުރެ ގިނަ ދުވަސްވެއްޖެނަމަ ކްލަބާ ކުންފުންޏާ މާ ދޯޅުވީމަވެސް މައްސަލަތަކެއް އުޅޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޓީމެއް އެއް ކުންފުންޏަކާ އެކު މާގިނަ ދުވަސް ހޭދަކޮށްފިނަމަ ގެންނަން އުޅޭ ބަދަލު ނާންނާނެ ކަމަށާއި، ތާޒާކަން ގެއްލި ހިތުހުރިހާ ގޮތަކަށް ކަންކުރަން ފަށާފާނެ ކަމަށެވެ. ނަމަވެސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކްލަބާ ހަވާލުވާ ކުންފުނި ބަދަލުކޮށްފިނަމަ ކުރިން އޮތް ކުންފުންޏަށް ވުރެ ރަނގަޅަށް ކްލަބާ މެދު ކަންކަން ކުރުމަށް ދެން ހަވާލުވާ ކުންފުންޏަކުން މަސައްކަތް ކުރާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެއްކުންފުންޏަކުން ކްލަބެއް ހަތަރު އަހަރު، ފަސްއަހަރު ނުވަތަ ތިރީސް އަހަރު ހޭދަކުރާގޮތަށް އޮވެއްޖެ ނަމަ ހަގީގީ މަގްސަދު ހާސިލް ނުވާނެކަމަށެވެ.

މާލޭ ލީގުގައި ވާދަކުރާ ކޮންމެ ކްލަބަކަށް ކުންފުނިތައް މެދުވެރިކޮށް ދެ މިލިއަން ރުފިޔާ ދިނުމަށް ވަނީހަމަޖެހިފައިވެ އެވެ. އަދި ޕްރިމިއާ ލީގުގައި ވާދަކުރާ އަތޮޅުތެރޭގެ ހަތަރު ޓީމުންކުރެ ކޮންމެ ޓީމަކަށްވެސް ކުންފުނިތައް މެދުވެރިކޮށް 1.5 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.

comment ކޮމެންޓް