ކުރިޔާލާ ޑޮލަރު ހޯދަން ބުކް ކުރަން ބީއެމްއެލް އިން ހަނދާންކޮށްދީފި

އެއާޕޯޓްގައި ޑޮލަރު ގަތުމަށް ބީއެމްއެލް އިން ގާއިމްކޮށްފައިވާ ކައުންޓަރު --- ފައިލް ފޮޓޯ

ކުރިއަށް އޮތީ ސްކޫލް ބަންދު ދުވަސްތަކެއް ކަމުން ރާއްޖެ އިން ބޭރަށް ދަތުރުކުރާ ފަރާތްތައް އެއާޕޯޓުން ޑޮލަރު ހޯދަން އެދޭ ނަމަ، ކުރީބައިގައި ޑޮލަރު ހޯދަން ބުކް ކުރުމަށް ބީއެމްއެލް އިން ހަނދާންކޮށްފީ އެވެ.

ރާއްޖެ އިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާ އެކު ޑޮލަރު ފޯރުކޮށްދިނުމަށް ބީއެމްއެލް އިން މި އަހަރުގެ ޖެނުއަރީ މަހު ވަނީ އޮންލައިންކޮށް ބުކިން ހައްދައިގެން ޑޮލަރު ލިބޭނެ ނިޒާމެއް ތައާރަފްކޮށްފަ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓް، www.bankofmaldives.com.mv ގައިވާ އޮންލައިން ބުކިން ޕޯޓަލް މެދުވެރިކޮށް ކޮންމެ ދަތުރުވެރިއަކަށް 500 ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ އެވެ. އަދި ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ގޭޓް ހަތަރެއްގެ ކުރިމަތީގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ ހާއްސަ ކައުންޓަރުތަކުން ޑޮލަރު ނެގޭނެ އެވެ.

ބީއެމްއެލް އިން ބުނީ މިދުވަސްވަރަކީ ސްކޫލް ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭން ބޭރަށް ދަތުރުކުރަން ތައްޔާރުވަމުންދާ ދުވަސްވަރެއްކަމުން، ވީހާ ވެސް ފަސޭހަކަމާ އެކު އެއާޕޯޓުން ޑޮލަރު ނެގުމަށްޓަކައި ފްލައިޓް ފުރުމުގެ އަށް ގަޑިއިރުކުރިން ޑޮލަރު ގަތުމަށް ބޭނުންވާ ފައިސާ ދައްކައި، ބުކިން ކޮންފާމްކުރުމަށް ދަތުރުވެރިންނަށް ބޭންކުން ހަނދާންކޮށްދޭ ކަމަށެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް، ކިޔޫގައި މަޑުނުކޮށް ފަސޭހަކަމާ އެކު ޑޮލަރު ގަތުމަށް ބުކިން ހަދާ އަދި ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިފައިވީ ނަމަވެސް އޮންލައިންކޮށް ބުކިން ނުހެދޭ ފަރާތްތަކަށް، އެއާޕޯޓުން ޑޮލަރު ލިބޭ ގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ އެވެ.

އޭގެ އިތުރުން ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ހުރިހާ ވަގުތެއްގައި ވެސް އިސްކަން ދޭނެ ކަމަށް ބީއެމްއެލް އިން ނެރުނު ބަޔާނެއްގައިވެ އެވެ.

comment ކޮމެންޓް