ހާލުބޮޑު ވެގެން ފަރުވާދެމުން ގެންދާ ދެ މީހަކު ސްވައިން ފުލޫއަށް ޕޮޒިޓިވް: އެޗްޕީއޭ

ތާޖުއްދީން ސްކޫލުގައި ހަދާފައިވާ ފުލޫ ކްލިނިކަށް ފަރުވާ ހޯދަން ގޮސް ތިބި ބަޔަކު: ރޯގާ ޖެހިގެން މިއަހަރުގެ މިހާތަނަށް 45،458 މީހަކު ފަރުވާ ހޯދާފައިވޭ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މާލެ އާއި އަތޮޅުތަކުގައި ފެތުރެމުންދާ ހުމާއި ރޯގާގައި ހާލު ބޮޑުވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން ދެ މީހަކު ސްވައިން ފްލޫއަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރޯގާ ޖެހިގެން ހާލުބޮޑުވި ހަތަރު މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ގެންދާ ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ސްވައިން ފުލޫއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ އެޖެންސީން ބުނީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފަރުވާ ދެމުން ގެންދާ ދެ ކުޑަކުއްޖަކު ސުވައިން ފުލޫއަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި ކަމަށާއި ނަމަވެސް ޓެސްޓުތަކުން ދައްކަނީ ނެގަޓިވްކޮށް ކަމަށެވެ.

ސުވައިން ފުލޫއަށް ޝައްކު ކުރެވިގެން މިހާތަނަށް 279 މީހަކު ޓެސްޓުކޮށްފައިވާ ކަމަށާއި އޭގެތެ ރެއިން 82 މީހަކު ސްވައިން ފުލޫއަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިހާރު ފެތުރެމުންދާ ހުމާއި ރޯގާއާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު އެކަނިވެސް 2314 މީހަކު ވަނީ ފަރުވާއަށް އެދިފަ އެވެ. މާލެއިން މިދިޔަ އަންގާރަ ދުވަހު ފަރުވާއަށް އެދުނު އަދަދު 898 އަރާއިރު، އަތޮޅު ތެރެއިން ފަރުވާއަށް އެދުނު އަދަދު 1416އަށް އަރަ އެވެ.

އަތޮޅު ތެރެއިން 27 މީހަކު އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފައިވާއިރު، މާލެއިން މިދިޔަ އަންގާރަ ދުވަހު އެޑްމިޓް ކުރަން ޖެހުނު މީހުންގެ އަދަދަކީ ހަތަރެކެވެ.

އަތޮޅު ތެރެއިން އެންމެ ބޮޑަށް ރޯގާ ފެތުރެމުން ދަނީ ރ. އަތޮޅުގަ އެވެ. އެ އަތޮޅުން ޖުމްލަ 157 މީހަކު މިދިޔަ އަންގާރަ ދުވަހު ފަރުވާ ހޯދާފައިވާ ކަމަށް ތަފާސްހިސާބްތަކުން ދައްކައެވެ. އަދި އެކަކު އެޑްމިޓްކޮށް އިއްޔެ ފަރުވާ ދޭން ޖެހުނު ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުން ދައްކަ އެވެ.

comment ކޮމެންޓް