އޭޝިއާ ސަރަހައްދުގެ ބެސްޓް ބީޗު ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް

ރާއްޖޭގެ ރިސޯޓެއްގެ އަތިރިމަތި ޒީނަތްތެރިކޮށްފައި

ރަޝިއާގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ޝޯ ކަމުގައިވާ މޮސްކޯ އިންޓަނޭޝަނަލް އެކްޒިބިޝަން ޓްރެވަލް އެންޑް ޓޫރިޒަމް (އެމްއައިޓީޓީ)ގައި އޭޝިއާ ސަރަހައްދުގެ ބެސްޓް ބީޗް ޑެސްޓިނޭޝަންގެ އެވޯޑު ރާއްޖެއަށް ލިބިއްޖެ އެވެ.

އެމްއައިޓީޓީގައި ދިވެހި 19 ކުންފުންޏެއްގެ ފަރާތުން 42 މަންދޫބުން ދަނީ ރާއްޖެ އިސްތިހާރު ކުރުމުގައި ހަރަކާތްތެރިވަމުންނެވެ. އެމްއެމްޕީއާރުސީން ބުނި ގޮތުގައި އެ ފެއާގައި ބައިވެރިވާ 19 ކުންފުނިތަކުގެ ތެރޭގައި 10 ރިސޯޓާއި ނުވަ ޓްރެވަލް އެޖެންޓުން ހިމެނެ އެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި އެ ފެއާގައި ރާއްޖެއަށް ލިބިފައި ވަނީ 114 އަކަ މީޓަރުގެ ސަރަހައްދެކެވެ. ރާއްޖެ އިސްތިހާރު ކުރުމުގެ ގޮތުން ތަފާތު އިނާމުތަކެއް ލިބޭ ސޯޝަލް މީޑިއާ ކެމްޕެއިނަކާއި ވިޔަފާރި ބައްދަލުވުންތަކުގެ އިތުރުން އެކި ކަހަލަ ހަރަކާތްތަކެއް ދިވެހި ސްޓޯލުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއައިޓީޓީ އަކީ ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ފެއާ އެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ 192 އަށްވުރެ ގިނަ ގައުމުތަކުން 1800 އަށްވުރެ ގިނަ ކުންފުނިތައް ބައިވެރިވެ އެވެ. އެ ފެއާ ފާހަގަ ކުރެވެނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތައް ބައްދަލުވެ ހިޔާލު ބަދަލުކޮށް ބޮޑެތި ޑީލުތައް ނިންމާ ޕްލެޓްފޯމެއްގެ ގޮތުގަ އެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގައި ރަޝިއާ ވެސް ހިމެނެ އެވެ. އެގޮތުން މިދިޔަ އަހަރު އެ ގައުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު ފަސް ޕަސެންޓު އިތުރުވެ، 46،255 އަށް އަރައިފަ އެވެ.

comment ކޮމެންޓް