ފްލައިޓެއްގެ ތެރޭގައި މީހަކު އަޅައިގެން އިން ހެޑްސެޓެއް ގޮވައިފި

ހެޑު ސެޓު ގޮވުމުގެ ސަބަބުން އަންހެން މީހާއަށް ލިބުނު އަނިޔާ ---

ޗައިނާގެ ވެރިރަށް ބެއިޖިން އިން އޮސްޓްރޭލިއާއަށް ދިޔަ ފްލައިޓެއްގެ ތެރޭގައި މީހަކު އަޅައިގެން އިން ހެޑް ސެޓެއް ގޮވައި އެމީހާއަށް އަނިޔާ ލިބިއްޖެ އެވެ.

އެ ހާދިސާ ހިނގާފައިވާ އެއާލައިންގެ މައުލޫމާތު ސިއްރުކޮށްފައިވާއިރު، ހާދިސާގައި އަނިޔާވެފައި ވަނީ އަންހެނަކަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް އެމީހާ އަކީ ކާކު ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އެ ހާދިސާއާ ގުޅިގެން އޮސްޓްރޭލިއަން ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯއަށް ދިން ބަޔާނުގައި އޭނާ ބުނެފައި ވަނީ ހެޑް ސެޓުގައި ރޯވި ކަން އެނގުނީ، އެ އަޅައިގެން އިންދާ މޫނުމަތިން ދިލަ ނަގާހެން ހީވުމުން ކަމަށެވެ. އެއާ އެކު ހެޑު ސެޓު ފްލައިޓުގެ ޑެކްމައްޗަށް އެއްލާލި ކަމަށާއި އޭރު ވެސް ހެޑް ސެޓުގައި އަލިފާނުގެ އަސަރު ފެންނަން ހުރި ކަމަށް އޭނާ ބުންޏެވެ.

"ހެޑް ސެޓުގެ ބެޓަރިއާއި ކަވަރު އޮތީ ވިރިގެން ގޮސް ފްލައިޓުގައި ތައްލާފައި،" އޭނާ ބުނެފައިވެ އެވެ.

އޭނާ ކިޔައިދިން ގޮތުގައި، އޭނާ އުޅުނީ ހެޑް ސެޓަށް ފައިން އަރައި އަލިފާން ނިއްވުމަށެވެ. ނަމަވެސް އޭގެ ކުރިން ފްލައިޓުގެ ކްރޫއިން އައިސް ހެޑް ސެޓު ފެން ބާލިދީއެއްގެ ތެރެއަށް ލައިގެން ގެންދިޔައީ ކަމަށް އޭނާ ބުންޏެވެ.

އެހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގުނު ކަމުގައިވީ ނަމަވެސް ޮސްޓްރޭލިއަން ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯއިން ބުނީ އެ އަންހެން މީހާ ގެންގުޅުނު ފަދަ ރިޗާޖެބަލް ހެޑް ސެޓުގައި އަލިފާން ރޯވެ ގޮވުމަކީ އެއީ ވެދާނެ ކަމެއް ކަމަށެވެ. އެ ބިއުރޯއިންވެސް ހެޑުސެޓުގެ ބްރޭންޑު އާންމުކޮށްފައި ނުވެ އެވެ.

ފްލައިޓުތަކުގައި ބެޓަރިތަކުގެ މައްސަލަ ދިމާވުމަކީ މެދުވެރިވެދާނެ ހާލަތެއް ކަމުން ބައިނަލް އަގުވާމީ އޭވިއޭޝަން ގަވާއިދުތަކުގައި ވެސް ފްލައިޓު މަތީގައި އިލެކްޓްރޯނިކް ސާމާނު ގެންގުޅުން ވަނީ މަނާ ކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު