އެޗުވަންއެންވަންއަށް އިތުރު ބަޔަކު ޕޮޒިޓިވް ވެއްޖެ: އެޗްޕީއޭ

ފެތުރެމުންދާ ރޯގާއަށް ފަރުވާ ކުރަން ހެދި ފްލޫ ކްލިނިކެއްގެ ތެރެއިން --- ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ފެތުރެމުންދާ އެޗްވަންއެންވަން ވައިސަން (ސްވައިން ފްލޫ)އަށް އިތުރު ބަޔަކު ޕޮޒިޓިވްވެ، އަދަދުތަކަށް ބަދަލު އައިސްފައިވާ ކަމަށާއި އެ އަދަދުތައް މިއަދު ހާމަކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފި އެވެ.

އެޗްވަންއެންވަން އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދުތައް އެޗްޕީއޭ އިން އެންމެ ފަހުން އާންމުކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭގަ އެވެ. އެރޭ ހާމަކުރި ގޮތުގައި 251 މީހަކު އެ ބައްޔަށް ޓެސްޓު ކޮށްފައިވާ އިރު، 51 މީހަކު އެޗްވަންއެންވަންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާބަނޑު މީހަކާއި ކުޑަކުއްޖެއް ހިމެނޭ އިރު، ބައްޔަށް ޝައްކު ކުރެވި، ޓެސްޓު ކުރެވެމުންދާ މާބަނޑު މީހެއް ވެސް ހިމެނުނެވެ. ނަމަވެސް އެމީހާގެ ހާލު ދެރަވާތީ ބަނޑުގައި އޮތް ދަރިފުޅު ރޭ ވަނީ ނަގައިފަ އެވެ.

އެ އޮތޯރިޓީގެ ޑިރެކްޓަރު މައިމޫނާ އަބޫބަކުރު "ސަން"އަށް ވިދާޅުވި ގޮތުގައި މި އަދަދުތަކަށް ބަދަލު އައިސް، ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

މައިމޫނާ ވިދާޅުވީ އެ ޕޮޒިޓިވްވި މީހުންގެ އަދަދުތަކާއި އެހެނިހެން ތަފްސީލުތައް މިއަދުގެ ވަގުތެއްގައި، ނޫސްބަޔާނެއްގެ ޒަރިއްޔާއިން ހާމަކުރާނެ ކަމަށާއި، އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެޗްވަންއެންވަން ވައިރަސް ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ އިރު، އެ ބައްޔަށް ފަރުވާ ދިނުމަށް މާލޭގެ ދެ ހޮސްޕިޓަލް ކަމުގައިވާ އައިޖީއެމްއެޗު އަދި އޭޑީކޭ ހޮސްޕިޓަލުން ވަނީ ޚާއްސަ ފްލޫ ކްލިނިކުތަކެއް ހަދައި، ޚިދުމަތް ދޭން ފަށައިފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މައުލުމާތު ދޭ ގޮތުގައި އެޗްވަންއެންވަން ވައިރަސް ޖެހިގެން 26 އަހަރުގެ ދިވެހި ފިރިހެނަކު މި މަހުގެ ތެރޭގައި މަރުވެފައިވެ އެވެ.

comment ކޮމެންޓް