ފެންސީ ފުޑްސްގެ ލުއިކާނާއާއި އެހެނިހެން ޕްރޮޑަކްޓްސް އެފްއެންޑްބީ ޝޯއަށް

ހައިރައިޒް އެފްއެންބީ ޝޯގެ ތެރެއިން -- ސަން ފޮޓޯ/އަހްމަދު ޝަރުވާން

މަޝްހޫރު އިންސްޓަންޓް ނޫޑްލްސް ޕްރޮޑަކްޓް، ސްރީލަންކާގެ "ޕްރީމާ ކޮއްތުމީ" ނޫޑްލްސް ރާއްޖެއަށް އިމްޕޯޓުކުރާ ކުންފުނި "ފެންސީފުޑްސް"އިން، ފުޑް އެންޑް ބެވެރެޖަސް ޝޯ (އެފްއެންޑްބީ ޝޯ)ގައި ބައިވެރިވެއްޖެ އެވެ.

ފެންސީ ފުޑްސްގެ ޑިރެކްޓާ އަލީ ޝިޔާޒް ވިދާޅުވި ގޮތުގައި، މިއަހަރުގެ އެފްއެންޑްބީ ޝޯގައި ފެންސީ ފުޑްސްއިން ބައިވެރިވާ އިރު، އެކުންފުނީގެ ގިނަ އަދަދެއްގެ ފުޑް އެންޑް ބެވެރެޖެސް ޕްރޮޑަކްޓްސް އެ ޝޯގައި މައުރަޒު ކުރާނެއެވެ.

ފެންސީ ފުޑްސްއިން ރާއްޖެ އެތެރެކުރާ ޕްރޮޑަކްޓްސްތަކުގެ ތެރޭގައި މަޝްހޫރު ކޮއްތުމީ ނޫޑްލްސްގެ އިތުރުން ތުރުކީގެ ޓަމެކް ބްރޭންޑުގެ ޖޫހާއި ޖޭމް، އިޓަލީގެ ޕިއަޗެއްލީ ބްރޭންޑުގެ ޗޮކްލެޓް ސްޕްރެޑާއި، ތުރުކީގެ ތުރްކުއާޒް ކުންފުނީގެ ފަވޯރީ، ވިއެންޓޯ، ޓުވެޓޯ އަދި ރެޕިޑޯ ބްރޭންޑުގެ ކޭކާއި ޑޯނަޓްު ޕްރޮޑަކްޓްތައް ހިމެނެ އެވެ.

މީގެ އިތުރުން ފެންސީ ފުޑްސްއިން މައުލޫމާތު ދޭ ގޮތުގައި، އެކުންފުނިން ރާއްޖެ އެތެރެކުރާ ބެލްޖިއަން ޗޮކްލެޓްސް ވެސް އެފްއެންޑްބީ ޝޯގައި ހުންނާނެ އެވެ. އެކުންފުނީގެ ޗޮކްލެޓް ރޭންޖުގައޮ 400 އަށް ވުރެ ގިނަ ޕްރޮޑަކްޓްސް ހުންނާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ފެންސީ ފުޑްސް ހިންގާ ނަމްސް ޕްރައިވެޓް ލިމިޓެޑުން ވަނީ ބޭންކް އޯކިޑް މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ބާޒާރު ބްރާންޗު ކުރިމަތިން "ހޮބްސަންސް ޗޮއިސް"ގެ ނަމުގައި ކޮސްމެޓިކްސްއާއި ކޮންފެކްޝަނަރީ ޕްރޮޑަކްޓްސް ވިއްކާ ފިހާރައެއް ވެސް ހުޅުވާފަ އެވެ.

މިދިޔަ އަހަރު ތައާރަފުކުރި ހައިރައިޒްގެ ފުޑް އެންޑް ބެވެރެޖަސް ޝޯގެ ދެވަނަ މައުރަޒު އޮންނާނީ މޭ މަހުގެ 18، 19 އަދި 20 ވަނަ ދުވަހު ނޭޝަނަލް އާޓް ގެލެރީގަ އެވެ.

ހައިރައިޒުން ލަފާކުރާ ގޮތުގައި، އެފްއެންޑްބީ ދާއިރާގައި މަސައްކަތްކުރާ، ގާތްގަނޑަކަށް 30 ފަރާތަކުން މި ޝޯގައި މިއަހަރު ބައިވެރިވާނެ އެވެ. ޝޯގައި މިހާރުވެސް ގިނަ އަދަދެއްގެ ކުންފުނިތަކުން ދަނީ ބައިވެރިވަމުންނެވެ.

އެފްއެންޑްބީ ޝޯގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ލޮޓަސް ފިހާރަ އަދި އޮންދިގޯ މޯލްޑިވްސް ވަނީ ހަމަޖައްސައިފަ އެވެ.

comment ކޮމެންޓް