ބަންޑާރަ ކޮށީގައި އަޅާ ނުވަބުރީގެ އިމާރާތުގެ ފިނިޝިން މަސައްކަތް އެލިއާ އާ ހަވާލުކޮށްފި

ޑިިފެންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެ ފަރާތުން އެއްބަސްވުން ބަދަލުކުރައްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަންޑާރަ ކޮށީގައި އިމާރާތްކޮށްފައިވާ ނުވަބުރީގެ އިމާރާތުގެ ފިނިޝިންގެ މަސައްކަތްތައް ކުރުމަށް ޑިފެންސް މިނިސްޓްރީން އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އެކަމުގެ އެއްބަސްވުމުގައި މިއަދު ޑިފެންސް މިނިސްޓްރީން ވަނީ އެ ކުންފުންޏާ އެކު ސޮއިކޮށްފަ އެވެ.

މިއަދު ހެނދުނު ކޯސްޓްގާޑް ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު އެވެ. އެލިއާ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަތޯ އަލީ އެވެ.

ޑިިފެންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްލަ 365 ދުވަސްތެރޭ ނިންމާ ގޮތަށް އެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަން އަށް ހަވާލުކޮށްފައި ވަނީ 133،486،443.43 ރުފިޔާ އަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މިއަދަކީ އަނެއްކާ ވެސް ސިފައިންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެލިއާ ކޮންސްޓްރަންޝަންސް އަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، އެ ކުންފުންޏަކީ މިހާރު ރާއްޖޭގެ މާކެޓްގައި ފާހަގަކުރެވިފައިވާ ގޮތުގައި ވަރަށް ޒިންމާދާރުކަމާއި އިހުލާސްތެރިކަމާ އެކު މަސައްކަތްތައް ކޮށްދޭ ކުންފުންޏަކަށް ވާތީ ކަމަށެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ސިޔާމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ އެ އިމާރާތުގެ މަސައްކަތް ނިމުމާ އެކު ބަންޑާރަކޮށިން ދެމުން އަންނަ ހިދުމަތްތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

ބަންޑާރަ ކޮށީގައި އަޅާ ނުވަބުރީގެ އިމާރާތުގެ ފިނިޝިންގެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ އިރު، އެ އިމާރާތުގެ ކޮންސްޓްރަންޝަންގެ މަސައްކަތްތައް ވެސް ކޮށްފައި ވަނީ އެ ކުންފުނިންނެވެ.

އެލިއާ ކޮންސްޓްރަކްޝަނަށް އިމަރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 29 މިލިއަން ރުފިޔާ އަށެވެ.

އެ އިމާރާތުގައި އޮފީސް ޖާގައަށް ހާއްސަ ބަޔަކާއި އެކޮމަޑޭޝަން ބްލޮކަކާއި ނަމާދުކުރުމަށް ހާއްސަ ބަޔަކާއި ޖަލްސާކުރާ މާލަމެއްގެ އިތުރުން، ޕާކިންގް ޒޯނެއް އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް