"މީ ލޯތްބަކީ"ގެ ޓިކެޓް މިހާރު އޮލިމްޕަހުން

"މީ ލޯތްބަކީ" ގެ ޕޯސްޓަރެއް----

ޑާކްރެއިން އެންޓަޓެއިންމެންޓުން، އަންނަ މަހުގެ ފަސް ވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައިވާ ކޮމެޑީ ރޮމޭންޓިކް ފިލްމު،" މީ ލޯތްބަކީ"ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) "ސަން" އަށް ބުނީ، އޮންލައިން ބުކިން ހުއްޓާލުމަށް ފަހު އޮލިމްޕަހުން ޓިކެޓް ވިއްކަން ފަށާފައިވަނީ އިއްޔެ ކަމަށެވެ. އޭނާ ބުނީ، ޓިކެޓަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

"ތަރުހީބު ވަރަށް ރަނގަޅު. ލިބޭ ސަޕޯޓުންވެސް އެބަ އިނގޭ ފިލްމު ބެލުންތެރިން ބަލައިގަންނާނެ ކަން،" މޮގާ ބުންޏެވެ.

"މީ ލޯތްބަކީ"ގެ ޓިކެޓް އޮލިންޕަހުން ވިއްކާނީ ހެެނދުނު 10:00 ފެށިގެން ރޭގަނޑު 10:00 އަށެވެ.

މޮގާ ބުނީ، އޮންލައިންކޮށް ޓިކެޓް ބުކް ކޮށްފައި ހުރި ފަރާތްތަކުގެ ޓިކެޓް ތައްވެސް އިއްޔެ އިން ފެށިގެން ދޫކުރަން ފަށާފައި ވާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ތިން ދުވަހުގެ ތެރޭގައި އޮންލައިން ބުކިން ހައްދާފައިވާ ފަރާތްތަކުން ޓިކެޓް ނުނަގައިފި ނަމަ އެ ޓިކެޓް ތައްވެސް ވިއްކަން ފަށާނެ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

"މީ ލޯތްބަކީ" ގެ ލީޑު ރޯލުން ފެނިގެންދާނެ އައްޒަ އާއި ޖުމައްޔިލް ---

ފިލްމުގެ ފުރަތަމަ ލަވަ އާއި އޮފިޝަލް ޓްރެއިލާ ބެލުންތެރިންނާ ހަމައަށް ދޫކޮށްލާފައިވާއިރު އާންމުންގެ ތަރުހީބު ވަރަށް ރަނގަޅު ކަމަށް މޮގާ ބުންޏެވެ.

އައިޝަތު ފުއާދު ތައުފީގާއި އަލީ ޝިފާއު (ޗިއްޕެ)ގެ ސްކްރީންޕްލޭއަކަށް، ޗިއްޕެ ޑައިރެކްޓް ކުރާ އެ ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައެވެ.

"މީ ލޯތްބަކީ" ބަލާލަން އޮލިމްޕަހަށް ވަންނަ އެންމެން ހެއްވާލާނެ ކަމަށް ފިލްމުގެ ޓީމުން ބުނާއިރު އެ ފިލްމުގައި ބޮޑު ކާސްޓެއްވެސް ހިމެނެއެވެ.

މުޅިން އަލަަށް ތަރިން ތަކެއް ތައާރަފު ވެގެންދާ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ މަޝްހޫރު ތަރި މަރިޔަމް އައްޒަ އާއި ޖުމައްޔިލް ނިމާލެވެ. އަދި މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު (ފުބޫ)، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރް (ޝާއްކޮ އައްމަޑޭ)، އަލީ ޝަޒްލީމް، އަހުމަދު ސުނީ، ހަމްދާން ފާރޫގުގެ އިތުރުން މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލި އިބްރާހީމް އަމާން ވެސް ފެންނާނެއެވެ.

comment ކޮމެންޓް