ފުރިހަމަ ރައްކަލެއް ނޫން، އެކަމަކުވެސް ބުއްދިވެރީ މާސްކު އަޅައިގެން އުޅުން

ފްލޫ ކްލިނިކުގައި މާސްކު އަޅައިގެން ތިބި ބަޔަކު --- ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ އިންފްލުއެންޒާ އެޗްވަންއެޗްވަން ރޯގާއާ އެކު، މަގުމަތިންނާއި ގޭތެރެއިން ފެނިގެންދަނީ ހުސް ސާޖިކަލް މާސްކެވެ. ސާޖިކަލް މާސްކުގެ ޑިމާންޑު ބޮޑުވެ، ގިނަ ބަޔަކު އޭގެ ބޭނުންކުރަމުން އަންނަ މި ދަނޑިވަޅުގައި، މާސްކުގެ ބޭނުންކޮށްގެން ހާސިލުކުރަން ބޭނުންވާ މަގުސަދު ހާސިލުވޭތޯ ކުރެވޭ ބަހުސްވެސް ވަނީ ފެށިފައެވެ.

ސްވައިން ފްލޫގެ ވައިރަސް ފެތުރެމުންދާ އިރު އޭގެން ސަލާމަތްވުމަށް މުޅި މާލޭގައި ސާޖިކަލް މާސްކު އެޅުވި އިރު، ގިނަ ބަޔަކަށް އޮޅުން އަރައިގެން ދިޔައީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ކުރި ޓްވީޓަކާއި، އެ ޓްވީޓާ ގުޅުވައިގެން ރިޕޯޓުކުރަންފެށި ބައެއް ޚަބަރުތަކުންނެވެ.

އެ ޓްވީޓުގައި ބުނެފައިވަނީ، އަރިދަފުސް ރޯގާ ނުޖެހޭ މީހުން މާސް އެޅިނަމަވެސް އޭގެން ރައްކާތެރިކަން ލިބޭކަން އެނގެން ނެތް ކަމަށާއި ބަލި ޖެހިފައިވާ މީހުން މާސްކު އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

އާންމުކޮށް މި ބޭނުންކުރާ ސާޖިކަލް މާސްކު ނުވަތަ ޕްރޮސީޖާ މާސްކަކީ ޑޮކްޓަރުން ނުވަތަ ހެލްތު ޕްރޮފެޝަނަލުން ސާޖަރީ ހަދާ އިރު، ނުވަތަ ބޭސް އަޅާ އިރު އެކި ކަހަލަ ލިކުއިޑް ތިކިތަކާއި އެރޯސޮލްތަކުން ފެތުރޭ ބެކްޓީރިއާއިން މޫނާއި ނޭފަތް ނިވާކުރަން އަޅާ މާސްކެކެވެ.

މާ ބޮޑު ރައްކަލެއް ނޫން: މިވަނީ ކިހިނެއް؟

ރާއްޖޭގައި އެޗްވަންއެޗްވަން ވައިރަސް ފެތުރެމުންދާ ހާލަތަށް ބަލާއިރު، ސާޖިކަލް މާސްކަކީ އެ ވައިރަސް ހަށިގަނޑަށް ވާސިލުވުމުން މުޅީން ރައްކާތެރިކޮށްދޭނެ އެއްޗެއް ނޫނެވެ.

ފްލޫ ކްލިނިކުގައި ފަރުވާ ހޯދަން އައިސް ތިބި ބަޔަކު --- ފޮޓޯ/ ފަޔާޒު މޫސާ

ވައިރަހަކީ އޭގެ ޒާތުގައި ވަރަށް ކުޑަ އެއްޗަކަށް ވެފައި، މާސްކުގައި ހުންނަ ލޯވަޅުތަކުގެ އެތެރެއިން ވައިރަހަށް ދަތުރުކުރެވޭނެއެވެ.

އެހެންކަމުން، ބަލި ނުޖެހޭ މީހަކު މާސްކު އެޅިޔަސް، ވައިރަހަށް މާސްކުގެ ތެރެއަށް ވަނުމުގެ ފުރުސަތު އޮންނާނެ އެވެ.

އެހެން ނަމަވެސް ބަލި ޖެހިފައިވާ މީހަކު އެ މާސްކު އަޅައިގެން ހުރެއްޖެ ނަމަ ބަލި ފެތުރުމަށް ކޮންމެވެސް ވަރެއްގެ ހުރަހަކަށް ވާނެއެވެ.

"ކިނބިއްސެއް އަޅާ އިރު ނުކުމެގެންދާ ކުޅުތިކިތަކުގެ ސައިޒު، ވައިރަހަށް ވުރެ ބޮޑުވާނެ. އެ މާސްކުގެ ލޯވަޅުތަކުން ދިއުމުގެ ފުރުސަތު ކުޑަވާނެ. ބަލި ޖެހިފައި ހުރި މީހަކު މާސްކު އަޅައިފިނަމަ އޭނާގެ ފަރާތުން ވައިރަސް ބޭރަށް ފެތުރުމުގެ ފުރުސަތު ދަށްވުމުގެ ޗާންސު އެބަ އޮތް،" އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް "ސަން"އަށް ވިދާޅުވިއެވެ.

ޑރ. ނިޔާފު ވިދާޅުވީ ކަން މިހެން އޮތް ނަމަވެސް ސާޖިކަލް މާސްކް ވެސް ނޭޅުމަށް ވުރެ އެޅުން ބަލި ނޫން މީހާއަށް ވެސް ރައްކާތެރިވާނޭ ކަމަށެވެ.

ދެ މާސްކެއްގެ ތަފާތު

ތާޖުއްދީން ސްކޫލުގައި ހުޅުވި ފްލޫ ކްލިނިކުގެ މެޑިކަލް އޮފިސަރަކު (ވ) އެން95 ރެސްޕިރޭޓަރ މާސްކެއް، އަދި އެހެން އޮފިސަރަކު (ކ) އާދައިގެ މާސްކެއް އަޅައިގެން:--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އާދައިގެ މާސްކަކީ ސައްތައިން ސައްތަ ރައްކާތެރިކަން ފޯރުކޮށްދޭ އެއްޗަކަށް ނުވާ އިރު، ރައްކާތެރިކަން ލިބޭ މާސްކަކީ އެން95 ރެސްޕިރޭޓަރ ކިޔާ މާސްކެކެވެ. މި މާސްކަކީ ވައިގެ ތެރޭގައިވާ ވައިރަސްތައް ހަށިގަނޑަށް ވާސިލުވުމުން ރައްކާތެރިކަން ފޯރުކޮށްދޭ އެއްޗެކެވެ. އަނގައާއި ނޭފަތާ ނިވާކޮށް، މުޅިން ސީލް ވާ، އަދި ވައިގެ ތެރޭގައިވާ ޕާޓިކްލްތަކުގެ 95 އިންސައްތަ ބްލޮކު ކޮށްދޭ މެޓީރިއަލަކުން ހަދާފައި ހުންނަ އެއްޗެކެވެ.

އެހެން ނަމަވެސް މިއީ އާންމުންނަށް ފަސޭހައިން ލިބޭން ހުންނަ އެއްޗެއް ނޫނެވެ. މާލޭގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކުތަކުގައި، ބަލި މީހުންނާ ސީދާ މުއާމަލާތްކޮށް ހަދަމުންދާ މެޑިކަލް އޮފިސަރުންނާއި، ނަރުހުންނާއި ޑޮކްޓަރުން ބޭނުންކުރަނީ އެން95 މާސްކެވެ.

އެން95 ރެސްޕިރޭޓަރ މާސްކެއް --

މި މާސްކު ނުލިބުނު ނަމަވެސް، "ސަން"އާ ވާހަކަދެއްކެވި ބައެއް ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ މާހިރުން ވިދާޅުވާ ގޮތުގައި، އާންމުން އުޅޭ ތަންތަނުގައި ހާމައަށް އުޅުމަށްވުރެ، ނޭފަތާއި އަނގަ ނިވާކުރެވޭނެ ނަމަ ސާޖިކަލް މާސްކެއް އަޅައިގެން އުޅުމަކީ ކޮންމެވެސް މިންވަރެއްގެ ރައްކާތެރިކަމެއް ލިބޭނެ ކަމެކެވެ. މާސްކު ނޭޅުމަށް ވުރެ އެޅުން އެދެވިގެންވާ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

ސަބަބަކީ، ބަލި ޖެހިފައި ހުރި މީހަކާ ވާހަކަ ދައްކާ އިރު، ނުވަތަ އެފަދަ މީހަކު ކެއްސައި ކިނބިހި އަޅާއިރު ނުކުމެގެންދާ ތިކިތަކާއި ބެކްޓީރިއާތައް، ބަލި ނުޖެހޭ މީހާގެ އެތެރެހައްޓަށް ސީދާ ވާސިލުވުމުގައި ކޮންމެވެސް ވަރެއްގެ ހުރަހެއްގެ ރޯލު މާސްކުން އަދާކޮށްދޭތީއެވެ.

"ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް މި ފަދަ ހާލަތު ތަކުގައި އާންމުން މާސްކު އަޅާ. ބަލިތަކަށް ހާމަޔަށް ހުޅުވިފައި ހުރުމަށް ވުރެ ހުރަހެއް ހުރުމުން ރައްކާތެރިކަން ލިބޭނެކަން އެއީ ކޮމަން ސެންސް ވެސް ގަބޫލުކުރާނެ ކަމެއް. މި ފަދަ ރޯގާތައް ފެތުރޭ ސަބަބުތަކަށް ބަލާ އިރު އެދެވިގެން ވަނީ މާސް އަޅައިގެން އުޅުން،" ސަން އާ ވާހަކަދެއްކެވި، ސިއްހީ ދާއިރާ ގެ މައުލޫމާތުތައް ނޫސްތަކަށް ލިޔުއްވާ ޑޮކްޓަރަކު ވިދާޅުވި އެވެ.

މީގެ ކުރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މިފަދަ ރޯގާތައް ފެތުރުމާ ގުޅިގެން، އެގައުމުތަކުގެ ރައްޔިތުންވެސް މިފަދަ ތަކެތީގެ ބޭނުންކޮށް، ނޭފަތާއި އަނގަ ނިވާކޮށްގެން އުޅުމަށް ކަމާ ބެހޭ ފަރާތްތަކުން އިރުޝާދު ދީފައިވެ އެވެ.

ރޯގާއަށް ފަރުވާ ހޯދުމަށް ފްލޫ ކްލިނިކަށް އައިސްފައި ތިބި ބައެއް މީހުން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެހެންކަމުން، މިހާރު ބޭނުންކުރަމުން އަންނަ އާންމު ސާޖިކަލް މާސްކުވެސް މުޅިން އެއްފަރާތްކޮށް، އެއްލާލަންވީއެއް ނޫނެވެ. އޭގެ ބޭނުން ކުރަންވީއެވެ. ވަކިން ޚާއްސަކޮށް ހޮސްޕިޓަލާއި ފްލޫ ކްލިނިކަށް ޒިޔާރަތްކުރާ އިރު އޭގެ ބޭނުން ހިފުން މުހިންމެވެ. ފުރިހަމަ ރައްކަލެއް ނުލިބުނު ނަމަވެސް، ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް އޭގެން ލިބޭނެއެވެ.

މާސްކް އެޅުމުގައި ސަމާލު!

ސާޖިކަލް މާސްކު އެޅުމުގައި ސަމާލުވާންވީ ބައެއް ކަންކަން ހުރެއެވެ. އެގޮތުން، އެ މާސްކު އަޅާނަމަ ރީއްޗަށް ނޭފަތާއި އަނގަ ނިވާ ވާގޮތަށް އެޅުމަށް ސަމާލުކަން ދޭންޖެހޭނެއެވެ. އަދި އަޅައިގެން ހުރި މާސްކުގެ އެތެރެފުށުގައި އަތްލުން ފަދަ ކަންކަން ނުކުރުމަށާއި، މާސްކު ބޭލުމަށްފަހު އެ ހާމައަށް ބޭއްވުމުގެ ބަދަލުގައި އެ އެއްލާލުމަށް ސަމާލުވާންޖެހެއެވެ. މީގެ އިތުރުން ބޭނުންކޮށްފައިވާ މާސްކެއް ނުފުށުން ބޭނުން ނުކުރުމަށްވެސް ސަމާލުވާންޖެހެއެވެ.

ފްލޫ ކްލިނިކުގައި ފަރުވާ ހޯދަން ތިބި ބައެއް މީހުން --- ފޮޓޯ/ ފަޔާޒު މޫސާ

ބޭނުންކޮށްފައި ހުންނަ މާސްކު ޑިސްޕޯސްކުރުމަށް ނުވަތަ އެއްލާލުމަށްޓަކައި އޭގައި އަތްލާނީ، މާސްކުގައިވާ ވާފަށުގައި ހިފައިގެންނެވެ. އަދި މާސްކު އެއްލައިލުމަށްފަހު ރަނގަޅަށް އަތް ދޮވެ، ސެނެޓައިޒް ކުރަންވާނެއެވެ.

އިންފްލުއެންޒާ ފަދަ ރޯގާތަކުން ރައްކާތެރިވުމަށް ކަމާ ބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކަށް ތަބާވުން ބުއްދިވެރިއެވެ. އެގޮތުން، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިއުމާއި، ކުޑަކުދިން ބޭރަށް ނުނެރުމާއި، ކޮންމެހެން ކުރަންޖެހޭ ހާލަތެއްގައި މެނުވީ ދަތުރުފަތުރު ނުކުރުމަށް ކުރާ އިލްތިމާސްތަކާ އެއްގޮތަށް އަމަލުކުރުން މުހިންމެވެ.

comment ކޮމެންޓް