ވޯޓުފޮށި ނުބަހައްޓަން ނިންމި ތަންތަނަށް ރަޖިސްޓަރީވާން އަލުން ހުޅުވާލައިފި

ރިޔާސީ އިންތިހާބުގެ ވޯޓު ގުނަނީ-- ސަން ފޮޓޯ

އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމި ތަންތަނަށް ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް އެ ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި 1000 މީހުން ރަޖިސްޓްރީކޮށްފައިނުވާ ގައުމުތަކާއި 100 މީހުން ރަޖިސްޓްރީކޮށްފައިނުވާ ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެތަންތަނަކީ ސިނާއީ މަސައްކަތްކުރާ ސަރަހައްދުތަކާއި ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރާއި އިންޑިއާގެ ޓްރިވެންޑްރަމްގެ އިތުރުން 14 ރިސޯޓެކެވެ.

އެ ތަންތަނަށް ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންނަށް، ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

އެ ކޮމިޝަނުގެ އިއުލާނުގައި ވަނީ ރަޖިސްޓަރީވުމަށް އެދޭ މީހުންނަށް ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި ވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި އަދި މާލޭ ސިޓީގައިނަމަ ބާޖަމާލުއްދީނުގައި ގާއިމްކޮށްފައިވާ އިންތިޚާބީ މަރުކަޒުން ކަމަށެވެ.

ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 3:00 ގެ ނިޔަލަށް ފޯމު ދޫކުރުމާއި ބަލައިގަތުމުގެ ޚިދުމަތް ލިބޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ. ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް އެދޭ ފޯމް އެ ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި 1487 ކެންޑިޑޭޓުން ވާދަކުރާ އިރު، އޭގެ ތެރެއިން 1124 ކެންޑިޑޭޓުންނަކީ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން 363 ކެންޑިޑޭޓުން ވާދަކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

comment ކޮމެންޓް