ޖަޕާނު ވިޔަފާރިވެރިން ޝައުގުވެރިވާ ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ސައުދީގައި ގާއިމުކުރަނީ

ސައުދީ ރަސްގެފާނު ސަލްމާން، ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ އެކު ---- ފޮޓޯ/ ރޮއިޓާސް

ޖަޕާނުގެ ވިޔަފާރިވެރިން ޝައުގުވެރިވާ ފަދަ ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒީ)ތަކެއް ސައުދީ އަރަބިއްޔާގައި ގާއިމުކުރުމަށްޓަކައި ފީސިބިލިޓީ ސްޓަޑީތަކެއް ހެދުމަށް ދެގައުމުގެ ވެރިން ނިންމައިފި އެވެ.

އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ޖަޕާނަށް ވަޑައިގެން މިހާރު އުޅުއްވާ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އާލް ސައުދު އިއްޔެ ވަނީ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލު ކުރައްވައިފަ އެވެ.

ދެ ގައުމުގެ ވެރިން އިއްޔެ ވަނީ، ޖަޕާނުގެ ވިޔަފާރިވެރިން ގަޔާވާނެ ފަދަ އިކޮނޮމިކް ޒޯނުތަކެއް ސައުދީގައި ގާއިމުކުރަން ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ނިންމައިފައެވެ.

"އެނެބްލާ ޝޯކޭސް ޒޯނު"ގެ ނަމުން ނަން ދީފައިވާ މި ޒޯނުތަކާ އެކު، ޓެކްސް އާއި ކަސްޓަމްސްގެ ދާއިރާއިން ބޮޑެތި އިނާޔަތްތަކާއި މައާފުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިކަމުގެ މަގްސަދަކީ ޖަޕާނުގެެ ކުންފުނިތަކުން ސައުދީ އަރަބިއްޔާގައި މެނުފެކްޗަރިން ޕްލާންޓުތަކާއި ރީސާޗު އަދި ޑިވެލޮޕްމެންޓް ސެންޓަރުތަކެއް ގާއިމުކުމަށް ޝައުގުވެރިކަން އުފެއްދުމެވެ.

ބައްދަލުވުމަށްފަހު ޖަޕާނުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު، ދެ ގައުމުގެ ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ސައުދީއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެހެން ސިނާއަތްތައް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ އިރު، ޖަޕާނުން އަމާޒު ކުރަނީ އެކްސްޕޯޓުތަކާއި އިންވެސްޓްމެންޓްތަކާއި ފަތުރުވެރިކަން ފުޅާކޮށް، ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ޖަޕާނުގެ މާކެޓު ފުޅާކުރުން ކަމަށެވެ.

ދެގައުމުން ވަނީ ނުވަ ދާއިރާއަކުން އެއްބާރުލުން ދިނުމަށް އެއްބަސްވުންތައް އެކުލަވާލައިފައެވެ. އޭގެ ތެރޭގައި ހަކަތަ، ހެލްތުކެއާ އާއި މެޑިސިން، ހައިކޮލިޓީ ސޯޝަލް އިންފްރާސްޓްރަކްޗަރ، އިންވެސްޓްމެންޓް އަދި މާލީ ދާއިރާ ހިމެނެއެވެ.

ދެ ގައުމުން ވަނީ 31 މަޝްރޫއެއް ވެސް އެކުގައި ހިންގުމަށް ވެސް އެއްބަސްވެފައެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާގައި މެނުފެކްޗަރިންގް ސަޕްލައި ޗެއިންސް ޑިވެލޮޕް ކުރުމާއި، ޓޯކިޔޯގެ ހިއްސާގެ ބާޒާރުގައި ސައުދީ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯ ލިސްޓު ކުރުމަށް ސްޓަޑީތަކެއް ހެދުން ހިމެނެއެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާނުގެ އޭޝިއާ ދަތުރުފުޅުގެ ތެރޭގައި މެލޭޝިއާއަށާއި އިންޑޮނޭޝިއާއަށް ވަޑައިގެންފައިވާ އިރު، މިހާރު ހުންނެވި ޖަޕާނުން ސަލްމާނު ވަޑައިގަންނަވާނީ ޗައިނާއަށެވެ. އެއަށްފަހު ދިވެހިރާއްޖެއަށް މި ހަފްތާގެ ހޮނިހިރު ދުވަހު ވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް