ރޯގާއާ ބެހޭ މައުލޫމާތު ވީއެންމެ ބޮޑަކަށް އާންމުކުރުމަށް އެމްޑީޕީން ގޮވާލައިފި

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ ޓުވިޓާ

ބައްޔެއް ފެތުރެމުންދާ އިރު އެ ބަލި ފެތުރެމުން އަންނަ ކަމުގެ މައުލޫމާތު ސިއްރުނުކޮށް، ވީ އެންމެ ބޮޑަކަށް މައުލޫމާތު އާންމުކުރުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.

މިއަދު މެންދުރު ފަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީން ވަނީ، ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ފެތުރެމުން އަންނަކަން އެކި ސިޔާސީ ސަބަބުތަކާ ހުރެ ސަރުކާރުން ސިއްރުކުރި ކަމަށް ބުނެ ތުހުމަތުކޮށްފަ އެވެ.

"ސަރުކާރަށް އިލްތިމާސްކޮށްލަން ބޭނުން ވަނީ މިފަދަ ރޯގާއެއް ފެތުރިގެން އުޅޭ އިރުގައި މިކަމާ ބެހޭ މުއައްސަސާގެ ބޭފުޅުން ވީހާ ވެސް އަވަހަކަށް ފަރުވާތައް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކަށް ވެސް މައުލޫމާތު ފޯރުކޮށްދީ ކަމާ ބެހޭ ޓެސްޓުތައް ހެދުމުގެ މުހިންމުކަން އަންގައިދޭން،" މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވި އެވެ.

އޭގެ އިތުރުން މާލެ ފަދަ މީހުން ގިނަ ތަނެއްގައި މީހުންނަށް ފަރުވާދޭ ހަމައެކަނި ތަނަކީ އައިޖީއެމްއެޗް ކަމަށް ނުހަދައި، ހުރިހާ އަވަށްތަކުން ވެސް ރޯގާއަށް ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޑީޑީ ވިދާޅުވީ މިފަދަ ރޯގާއެއް ބާރުމިނުގައި ފެތުރެމުން އަންނަ އިރު، ރައްޔިތުން ވެސް ފަރުދީގޮތުން ކުރެވެން ހުރި ކޮންމެ ކަމެއް ސަލާމަތީ ކަންކަމުގެ ގޮތުގައި ކުރުން މުހިންމު ކަމަށެވެ. އަދި ބަލި އިތުރަށް ފެތުރުނަ ނުދޭން ކުރާ ކަންކަމުގައި އެމްޑީޕީން ވެސް ސަރުކާރަށް އަދި ރައްޔިތުންނަށް އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިދާޅުވީ، އެމްޑީޕީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އެ ޕާޓީގެ ދާއިރާތަކުގެ ރައީސުން މެދުވެރިކޮށް، އެ ދާއިރާތަކުގައި ކަންކަން ހުރި ނެތްގޮތް ބެލުމަށް ނިންމާފައިވާ ކަމަށެވެ.

އާންމުކޮށް ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް މިފަދަ ބައްޔެއް ފެތުރޭ ނަމަ އެކަމުގެ މައުލޫމާތު އާންމުކުރަމުން ގެންދަނީ ވަކި މަރުހަލާތަކަކުން ކަމަށް ކަމާ ބެހޭ މާހިރުން ލަފާދެ އެވެ. އަދި އެއީ "މާސް ޕެނިކް" ހުއްޓުވުމަށް ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ. އެގޮތުން ދެމީހަކަށް އެއް ބައްޔެއް ޖެހިގެން އެލާޓް ނެރެ އެ މައުލޫމާތު ފަތުރައިފި ނަމަ ގިނަ މީހުން ހޮސްޕިޓާ އަދި ފަރުވާ ހޯދާ ތަންތަނަށް އެއްވެ ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުވެ، ހަގީގަތުގައި ބަލިވާ މީހާއަށް ފަރުވާނުދެވި ލަސްވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

comment ކޮމެންޓް