ކާދު ތައްޔާރުކުރުމުގެ ޕްރޮގްރާމް ނ. އަތޮޅަށް ތައާރަފުކޮށްފި

ކާދު ތައްޔާރުކުރާނެ ގޮތް ދަސްކޮށްދިނުމަށް ފެއްޓެވި ޕްރޮގްރާމްގެ ތެރެއިން ---- ފޮޓޯ/ އެންވަޔަރަންމަންޓު މިނިސްޓްރީ

'ސާފުރާއްޖެ' ޝިޢާރުގެ ދަށުން ރަށް ރަށުގައި ކުނިމެނޭޖް ކުރުމަށް ހިންގާ ސިލްސިލާ ކާދު ތައްޔާރުކުރުމުގެ ތަމްރީން ޕްރޮގްރާމް ނ. އަތޮޅަށް ތައާރަފުކޮށްފި އެވެ.

ރަނގަޅު ގޮތުގައި ކުނިމެނޭޖް ކުރުމުގެ ނިޒާމު ފުރިހަމަކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެންވަރަންމަންޓް މިނިސްޓްރީގެ ފަރާތުން މިއަދު އެ ހިދުމަތް ތައާރަފު ކުރީ ނ. ފޮއްދޫގަ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 'ސާފު ރާއްޖެ' ޝިޢާރުގެ ދަށުން ރަށް ރަށުގައި ކުނި މެނޭޖުކުރުމަށް އިންފްރާސްޓްރަކްޗާ ގާއިމުކޮށްދީ އަދި ކުނި މެނޭޖުކުރުމަށް ބޭނުންކުރާ އިކުއިޕްމަންޓްތައް ފޯރުކޮށްދޭނެ ކަމަށެވެ.

އެ ސިލްސިލާގެ ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ތަމްރީން ޕްރޮގްރާމް ހިންގާފައި ވަނީ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެމް މިދިޔަ އަހަރު ޑިސެންބަރު މަހުގަ އެވެ. އަދި ދެވަނަ ފިޔަވަހީގެ ފުރަތަމަ ޕްރޮގްރާމު މިއަދު އިފްތިތާހު ކުރީ ފޮއްދޫގަ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނީ އެ ޕްރޮގްރާމްގައި ބޮޑަށް ބާރުއަޅަނީ ހެޔޮގޮތުގައި ކުނި މެނޭޖުކުރުމުގެ ނިޒާމުގައި ކުނި ވަކިކުރުމުގެ މުހިއްމުކަމުގެ މައްޗަށް ކަމަށެވެ.

comment ކޮމެންޓް